2015 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން"ގެ ދެވަނަ ބައެއް ގެނެސްދޭނެކަން ސަލްމާން ޚާން ހާމަކޮށްފިއެވެ.
މި ފިލްމަކީ އެ އަހަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.
ފިލްމުގެ ސީކުއަލްގެ ވާހަކަ ސަލްމާން ފުރަތަމަ ދައްކާފައިވަނީ ފިލްމް "އާރް.އާރް.އާރް."ގެ ޕްރީ- ރިލީޒް އިވެންޓެއްގައެވެ. "އާރް.އާރް.އާރް" އަކީ ސުޕަރ ހިޓް "ބަހޫބަލީ" ސީރީޒް އުފެއްދި ކުޅަދާނަ ޑައިރެކްޓަރ އެސްއެސް ރާޖާމޯލީ ޑައިރެކްޓްކޮށް ގިނަ ބަސްތަކަކުން އާންމުންނާއި ހަމައަށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމްގެ ތަރިންނަކީ ސައުތުގެ ސުޕަސްޓަރ އެންޓީ ރާމަ ރާއޯ އާއި ރާމް ޗަރަންގެ އިތުރުން އާލިއާ ބަޓެވެ. އަދި ހާއްސަ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނައެވެ.
"ބަޖްރަންގީ ބައިޖާން"ގެ ވާހަކަ ލިޔެފައި ވަނީ ރާޖާމޯލީގެ ބައްޕަ ކޭވީ ވިޖެންދުރަ ޕްރަސާދެވެ. އަދި އެ ފިލްމުގެ ސީކުއަލް ވެސް ލިޔަނީ ހަމަ އޭނާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ވެސް ސަލްމާން ކުޅެފައިވާ ރީތި ފިލްމް ތަކެއް ވިޖެންދުރަ ލިޔެފައިވެއެވެ.
ސަލްމާންގެ 56 ވަނަ އުފަންދުވަހާއި ގުޅުވައިގެން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަލްމާން ވަނީ "ބަޖްރަންގީ ބައިޖާން"ގެ ދެވަނަ ބަޔަށް ކިޔާނެ ނަންވެސް ހާމަކޮށްފައެވެ. އެއީ "ޕަވަން ޕުތުރަ ބައިޖާން" އެވެ.
ފިލްމުގެ ވާހަކަ ނިމިމުން، ސަލްމާން މިހާރު ޝޫޓްކުރަމުންދާ ދެ ފިލްމިގެ ފަހުގައި މި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ސަލްމާން ވަނީ ބުނެފައެވެ.
މަޖާ ކަންތައްތަކެއް ވެސް ހިމަނައިގެން އަސަރުގަދަ ވާހަކައަކަށް ގެނެސްދިން "ބަޖްރަންގީ ބައިޖާން"ގައި ދައްކުވައިދެނީ ބޭސްފަރުވާއަށް އިންޑިއާއަށް އަންނަ ވާހަކަ ނުދެއްކޭ، ޕާކިސްތާނުގެ ކުޑަ އަންހެންކުއްޖެއް އިންޑިއާއަށް ގެއްލުމުން، އެކުއްޖާގެ އާއިލާއަށް ރައްދުކުރުމަށް ސަލްމާން ޕާކިސްތާނަށް ކުރާ ނުރައްކާތެރި ދަތުރެވެ.
ފިލްމުގައި ސަލްމާންގެ އިތުރުނަ ކަރީނާ ކަޕޫރާއި ނަވާޒުއްދީން ސިދްގީ މުހިންމު ރޯލުތަކުން ވަނީ ފެނިފައެވެ. އަދި ކުޑަކުއްޖެއްގެ ރޯލު ވަރަށްވެސް ފުރިހަމައަށް އަދާކޮށްދީފައި ވަނީ ހަރްޝާލީ މަލްހޯތުރާއެވެ.