އެސެޓް ރިކަވަރީ ކޮމިޝަންގެ ޚަރަދަށް މިހާތަނަށް 10 މިލިއަން ރުފިޔާ ޚަރަދުކޮށްފި

އެސެޓް ރިކަވަރީ ކޮމިޝަންގެ ޚަރަދަށް މިހާތަނަށް 10 މިލިއަން ރުފިޔާ ޚަރަދުކޮށްފި

Author
މުޙައްމަދު ޖިމީ
26 ޑިސެމްބަރ 2021 04:56
0

ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން (އެސެޓް ރިކަވަރީ ކޮމިޝަން)އަށް މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގެ ޚަރަދުތަކާއި ބެހޭ މި މަޢުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެދިފައެވެ. އަދި އެ ކޮމިޝަނުން މިކަމާއި ގުޅިގެން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އެ ކޮމިޝަނުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ 2019ވަނަ އަހަރެވެ. އެ އަހަރު އެކަނިވެސް 4.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެގޮތުން މުސާރައާ އެލަވެންސްއަށް 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަށް  2،548.57 ރުފިޔާ އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދުގެ އަދަދަށް 61،919.54 ރުފިޔާ ޚަރަދުކޮޮށްފައިވެއެވެ. އަދިހަރުމުދާ ހޯދަން 556،777.34 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރިޔާސީ ކޮމިޝަނުން  2،678،435.90 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް، ރިޔާސީ ކޮމިޝަނެއް އުފެއްދެވީ، 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުގައެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރައްވައި ލިޔުން ހަވާލުކުރައްވާފައި ވަނީ 04 ޑިސެމްބަރު 2018 ގައެވެ.

މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ. އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ޤަރާރުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.