އަދާލަތު ޕާޓީގައި ތިބުން މިހާރު އެއްގޮތަކަށްވެސް ހުއްދަނުވާނެ: ޝައިޚް އާދަމް ނިޝާން

އަދާލަތު ޕާޓީގައި ތިބުން މިހާރު އެއްގޮތަކަށްވެސް ހުއްދަނުވާނެ: ޝައިޚް އާދަމް ނިޝާން

Author
މުޙައްމަދު ޖިމީ
25 ޑިސެމްބަރ 2021 11:39
0

އެޕާޓީގައި ތިބުމަކީ މިހާރު އެއްގޮތަކަށްވެސް ހުއްދަވާނޭ ކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ވިދާޅުވެއްޖެއެވެ.

ޝައިޚް އާދަމް ނިޝާން މިހެން ވިދާޅުވީ، އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެއްކަމަށް ބުނެ އަދާލަތު ޕާޓިން ނެރުނު ނޫސްބަޔާނާއި ގުޅިގެންނެވެ.

ޢަދާލަތު ޕާޓީއަށް ސޮއިކޮށްގެން ތިބި މީހުންނަށް ދެއްވާ ނަސޭހަތެއްކަމަށް ވިދާޅުވެ ޝައިޚް އާދަމް ނިޝާން ވަނީ، މިހާރުން މިހާރަށް އެޕާޓީއިން ކެނޑުމަށް ގޮވާލައްވާފައެވެ. ޝައިޚް ވިދާޅުވީ، މިހާރު ޢަދާލަތު ޕާޓީއަކީ އިސްލާމްދީނަށް ނަޞްރުދީ ﷲ ގެ ޝަރީޢަތް މަތިވެރިކޮށް އަދި އިސްލާމްދީނުގެ ޢަދާވާތްތެރިންގެ އަޅުވެތިކަމުން މިދީބުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއްގެ ބަދަލުގައި، ޢަލްމާނީ ސެކިއުލަރ ފަރާތްތަކާއި ގުޅި ބައިޢަތު ހިފައިގެން އެމީހުން އެގޮވާލާ ލާދީނީ ފަލްސަފާއަށް ފާޅުގައި ވާގިދޭ ބައެއްކަމަށެވެ.

މުޝްރިކުންނަކީ މުސްލިމުންނާއި އެންމެ ޢަދާވާތްތެރި ދެކޮޅުވެރި މީސްތަކުންކަމުގައާއި އެމީހުންނަކީ އައުލިޔާއިން ކަމުގައި (ގާތް އެކުވެރިން، މަދަދުގާރުން ކަމުގައި) ނުހެދުމަށް ކީރިތި ޤުރްއާނުގައި ވަޙީ ބާއްވާލައްވާފައިވަނިކޮށް އިންޑިއާގެ މުޝްރިކު ސިފައިން މިއިސްލާމީ ދީބުގައި ތިބުމަށް ފާޅުގައި ގޮވާލައި ވަކާލާތު ކުރާ ޕާޓީއެއްކަމުގައި ވުމާއި އެކު، އިސްލާމްދީނަށް ނަޞްރުދިނުމުގެ ނަމުގައި އެޕާޓީގައި ތިބުމަކީ އެއްގޮތަކަށްވެސް ހުއްދަވާނޭ ކަމެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. ޢަދާލަތު ޕާޓީއާއި އަދި މިނޫންވެސް މިފަދަ އެއްވެސް ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުމަކީ އިސްލާމްދީނާއި އަޅުގަނޑުމެންގެ މިދީބަށްވެސް ވެވޭ ޚިޔާނާތެކެވެ.

– ޝައިޚް އާދަމް ނިޝާން

”އިންޑިއާ އައުޓް“ ގެ ނަމުގައި ރައީސް ޔާމީނު އިސްވެ ހިންގަވާ ހަރަކާތާގުޅޭގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިން ނެރުނު ބަޔާނުގައި ވަނީ، ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގެ މެދުގައި އެތުރިފައިވާ ނާޒުކު ޖަޒީރާ ޤައުމެއްކަމަށާއި، ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ އާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހިންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާކަމަށެވެ. ޢަދާލަތު ޕާޓީން ދެކެނީ ދިވެހި ޚާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އަމާޒަކަށް ވާންވާނީ ދިވެހިންނާއި ދިވެހި ޤައުމުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްކަމަށާއި، ދިވެހިރާއްޖެ ލެއްވިފައިވަނީ އިންޑިއާ ކަނޑުގައި ކަމަށްވެފައި ބައިނަލްއަޤުވާމީ ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނަ ހިނދު، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީވެސް ދިވެހި ޚާރިޖީ ސިޔާސަތުގައި ރިޢާޔަތްކުރަންވާ މުހިންމު ކަމެއްކަމަށް އެޕާޓިން ނެރުނު ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި ޢަދާލަތު ޕާޓީން ނުދެކޭކަމަށް ބުނެފައިވެއެވެ. ވަކިން ޚާއްޞަކޮށް ތަރައްޤީ އާއި އެނޫންވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލުކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި އަދި ހެޔޮއެދޭ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއްގައި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުންބަދަހިކުރަންޖެހޭ ކަމަކީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއްކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެއެވެ.

ކަން މިހެން އޮތް އިރު، ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް، ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އެޕާޓިން ކުށްވެރިކުރާކަމަށާއި، ވަކިން ޚާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު އެޕާޓިން ކަންބޮޑުވާކަމަށް ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.