"އިންޑިއާ އައުޓް"އަކީ ރައްޔިތުންގެ ޝުޢޫރާ ކުޅުވައިގެން ހިންގާ ނޭއްގާނީ ޢަމަލެއް: އަދާލަތު

"އިންޑިއާ އައުޓް"އަކީ ރައްޔިތުންގެ ޝުޢޫރާ ކުޅުވައިގެން ހިންގާ ނޭއްގާނީ ޢަމަލެއް: އަދާލަތު

Author
މުޙައްމަދު ޖިމީ
25 ޑިސެމްބަރ 2021 09:40
0

އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެއްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

”އިންޑިއާ އައުޓް“ ގެ ނަމުގައި ރައީސް ޔާމީނު އިސްވެ ހިންގަވާ ހަރަކާތާގުޅޭގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިން ނެރުނު ބަޔާނުގައި ވަނީ، ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގެ މެދުގައި އެތުރިފައިވާ ނާޒުކު ޖަޒީރާ ޤައުމެއްކަމަށާއި، ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ އާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހިންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާކަމަށެވެ. ޢަދާލަތު ޕާޓީން ދެކެނީ ދިވެހި ޚާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އަމާޒަކަށް ވާންވާނީ ދިވެހިންނާއި ދިވެހި ޤައުމުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްކަމަށާއި، ދިވެހިރާއްޖެ ލެއްވިފައިވަނީ އިންޑިއާ ކަނޑުގައި ކަމަށްވެފައި ބައިނަލްއަޤުވާމީ ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނަ ހިނދު، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީވެސް ދިވެހި ޚާރިޖީ ސިޔާސަތުގައި ރިޢާޔަތްކުރަންވާ މުހިންމު ކަމެއްކަމަށް އެޕާޓިން ނެރުނު ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި ޢަދާލަތު ޕާޓީން ނުދެކޭކަމަށް ބުނެފައިވެއެވެ. ވަކިން ޚާއްޞަކޮށް ތަރައްޤީ އާއި އެނޫންވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލުކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި އަދި ހެޔޮއެދޭ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއްގައި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުންބަދަހިކުރަންޖެހޭ ކަމަކީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއްކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެއެވެ.

ކަން މިހެން އޮތް އިރު، ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް، ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އެޕާޓިން ކުށްވެރިކުރާކަމަށާއި، ވަކިން ޚާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު އެޕާޓިން ކަންބޮޑުވާކަމަށް ބަޔާނުގައިވެއެވެ.

ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ޒަމާންތަކަށް ދެމިގެންއަންނަ ޒަމަންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަތީޖަކަމަށް ވާއިރު އަދި ވަކިން މިހާރު ހިނގަމުން މިދާ ބައެއް ކަންކަމަކީ ޚުދު ރައީސް ޔާމީނުގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއްވާފައިވާ ކަންކަން ކަމުގައި ވީއިރު، އެމަނިކުފާނު މިހާރު ކުރިއަށްގެންދަވާ ކެމްޕޭނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެކެވެ.

– އަދާލަތު ޕާޓީ

އަދާލަތުގެ ބަޔާނުގައި މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަޤުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ޤައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންވުންކަމަށާއި، ޢަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ މިކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. މިހަރަކާތް ހުއްޓުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިހަރަކާތް ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފައެވެ. ފުލުހުންވަނީ އިންޑިއާ އައުޓް ހަރަކާތުގެ ޓީޝާޓު ލައިގެން މަގުމައްޗަށް ނުނިކުމޭވެނެކަމަށް މުޒާހަރާގެ ބައިވެރިންނަށް އަންގާފައެވެ. އަދި ބައެއް މީހުން ދުއްވި ސައިކަލްތައް ވެސް ވަނީ ނުރައްކާތެރިކޮށް ދުއްވިކަމަށްބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.