ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި، ކުލިދައްކަން ފަށާ މުއްދަތު އިތުރު ކުރުމަށް ގޮވާލައި ހިޔާ ފްލެޓް ސަރަހައްދުގައި އިޖުތިޖާޖު ކޮށްފިއެވެ.
ސުލްހަވެރިކަމާއިމެކު މިއަދު ކުރި މި އިހުތިޖާޖަކީ "ހިޔާ ޔޫނިއަން" އިން އިންތިޒާމުކުރި އިހުތިޖާޖެކެވެ. މި އިހުތިޖާޖުގައި ގިނަ ބަޔަކު ވަނީ ބައިވެރިފައެވެ. ހިޔާ ފްލެޓްތަކުގެ ކުލި މިފެށޭ އަހަރުގެ ޖެނުއަރީން ފެށިގެން ނެގުމަށް ވަނީ ހަމަޖެހިފައެވެ. ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ސަރުކަރާއެކު އެޗްޑީސީން މަޝްވަރާ ކުރަމުންދާއިރު މިކަމަށް އަދި ވަކި ގޮތެއް ނިންމިފައި ނުވެއެވެ.
ސަރުކާރުން ދީފައިވާ ގްރޭސް ޕީރިއަޑްގެ މުއްދަތް ހަމަވެފައި ވާއިރު، ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. މިއަދުގެ މުޒާހަރާގައި ވަނީ ކުލި ކުޑަކުރުމަށްވެސް ގޮވާލާފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުލި ހުރި މިންވަރަށް ކުލި ކުޑަކުރުމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާފައެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމައި، ކުލި ނެގުމަށް ކުރިން ހަމަޖެއްސީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ނަމަވެސް މުއްދަތަށްވެސް ފިނިޝިންގެ މަސައްކަތް ނުނިމުމުން މިއަހަރުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު މުއްދަތެއް ދެއްވާފައެވެ.
ހިޔާ ފްލެޓްތަކަށް ގިނަ ޢާއިލާތަކެއް ބަދަލުވެފައިވާއިރު، އެއްފަހަރާ ގިނަ ބަޔަކު ފްލެޓްތަކަށް ބަދަލުވުމުން ބޭނުންވާ ސާމާނު ލިބުމަށްވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ކޯވިޑް-19އާއެކު ކުރިމަތި އިޤްތިޞާދީ ޙާލަތާ ގުޅިގެން ބައެއް ޢާއިލާތަކަށް ވަނީ މާލީގޮތުންވެސް ދަތިތަކާ ކުރިމަތިވެފައެވެ.
7000 ހައުސިންގ ޔުނިޓުގެ ގޮތުގައި މިމަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާ ކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.