2022 ވަނަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ކަމަށްވުމާއެކު، އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން "2022 :ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ -މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން މި ލޯގޯ ޖެއްސެވުމަށްޓަކައި އެކަމާބެހޭ މަޢުލޫމާތު، ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެއެވެ. އަދި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، ސަރުކާރުގެ އޮފީސްތަކުން ލޯގޯ ޖައްސަވަމުން ގެންދެވުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމަށް، އިނގިރޭސިބަހުން ޝިޢާރު ލިޔެފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ވެސް ވަނީ ދެންނެވުމުގައި އަންގަވާފައެވެ.
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މިދުވަސް ކަނޑައަޅާފައިވަނީ ރާޢްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ދުވަހަށް ނިސްބަތްކޮށްފައެވެ. މީގެ ކުރިިން ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ހުުޅުވުނު ފުރަތަމަ ރިސޯޓަކީ މާލެއަތޮޅު ވިހަމަނާފުށީގައި، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު، ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ކުރުނބާ މޯލްޑިވްސްއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ، އެ ރިޒޯޓުގައި ތަރައްޤީކުރި 30 ކޮޓަރިންނެވެ. އެއީ ޖުމްލަ 60 އެނދެވެ. އެހެން ނަމަވެސް ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގައި މިހާރު 156 ރިޒޯޓާއި، 582 ޓޫރިސްޓް ހޮޓާ ގެސްޓްހައުސް އަދި 144 ސަފާރީގައި، ފަތުރުވެރިންނަށް ޚިދުމަތް ދެމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ޖުމްލަ 51038 އެނދެވެ. އަދި ދުނިޔޭގައި ނަން ހިނގާ ހުރިހާ ބްރޭންޑެއްގެ ރިޒޯޓުތައް މިހާރު ރާއްޖޭގައި ހުރިއިރު މިއަދު ރާއްޖޭގެ ޖީ.ޑީ.ޕީ.ގައި ފަތުރުވެރިކަމުގެ ޙިއްޞާއަކީ، 44.5 އިންސައްތައެވެ.