ސަރުކާރުން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާ ދިމާލަށް!

ސަރުކާރުން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާ ދިމާލަށް!

Author
ހުސެއިން
22 ޑިސެމްބަރ 2021 08:10
0

މި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ދިފާއީ އެއްބަސްވުން ވެގެން ގޮސްފައިވަނީ ހުރިހާ ގޮތަކުންވެސް ވަރަށް ޚާއްސަ އެއްބަސްވުމަކަށެވެ. ސަބަބަކީ އެއްބަސްވުމުގެ ޒަރީޢާއިން ރާއްޖޭގައި އިންޑިއާ ސިފައިން ދިގު މުއްދަތަކަށް ތިބުމަށް ހަމަޖެހިގެން ދިޔަ ދިއުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއިން ކުރަން ފެށި އިހުތިޖާޖު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ސިޔާސީ ހަރަކާތަކަށް ބަދަލުވެ، އިންޑިއާ އައުޓުގެ ނަމުގައި އެހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވާތީއެވެ.

އަދި ހަމަ އެފަދައިން، މި ހަރަކާތަކީ، ބޭރުގެ ދައުލަތަކާއި ދެކޮޅަށް ރާއްޖޭގައި މިހާތަނަށް ހިންގިފައި ނުވާވަރުގެ އިދިކޮޅު ކެމްޕޭނަކަށް ވެގެން ގޮސްފައިވާއިރު، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު، ޓީޝާޓުގައި އިންޑިއާ އައުޓު ޖައްސަވައިގެން މި ހަރަކާތުގެ އެންމެ ކުރީ ސަފަށް ނިކުމެ ވަޑައިގެންފައިވާ ވުންވެސް ވެގެން ދަނީ، މި ހަރަކާތުގެ ޚާއްސަކަން އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެއްގެ ގޮތުގައެވެ.

އަދި އޭގެ އިތުރުން، އިންޑިއާފަދަ، ޒަމާނުއްރެ ރާއްޖެއާއި އައްވައްޓެރިކަން އޮންނަ، އަދި އެތައް ގޮތަކުން ރާއްޖެއާއި ގުޅި ލާމެހިފައި އޮތް ގައުމަކާ ދެކޮޅަށް ދިވެހި އެތަކެއް ރައްޔިތުންނެއްގެ ހިތްތަކުގައި ނަފްރަތާއި ދެކޮޅުވެރިކަމުގެ ޖަޒްބާތު އުތުރި އަރާ، "މިނިވަންކަމާއި" "އަޅުވެތިކަންފަދަ" ވަތަނީ ޖަޒްބާތުތަކާއި ގުޅުންހުރި ޝުޢޫރުތަކުގެ ބޭނުން ކޮށްގެން، މިކެމްޕޭން ބޭރުގެ ދައުލަތަކާއި ގުޅިލާމެހިގެން ދިއުމުން، ކޮންމެ އުސޫލަކުން ވިސްނި ކަމުގައިވި ނަމަވެސް، ކެމްޕޭންގެ ނާޒުކުކަން ވަރަށްވެސް ބޮޑުވެގެން ގޮސްފައިވާ ކަމުގައި މިއަދު ގަބޫލު ކުރަން ޖެހެއެވެ.

ސަބަބަކީ، އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް ފާޅުކުރެވެމުންދާ ހުރިހާ ޝުއޫރެއްގެވެސް ބްރޭންޑް ނަމަކަށް "އިންޑިއާ އައުޓު" ވެގެން ގޮސްފައިވާތީއެވެ. މި ބްރޭންޑް ނަމުން، ރައްޖޭގައި އިންޑިއާ ސިފައިން ތިބޭތިބުން ރަމްޒު ނުކޮށްދީ، ނުވަތަ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުން ރަމްޒު ކޮށްދިނުމުގެ ބަދަލުގައި، މިއީ އިންޑިއާއާއި ދެކޮޅަށް ހިންގޭ ބޮޑު ހަރަކާތެއްގެ ގޮތުގައި މުޅި މިހަރަކާތް ތަމްސީލުވެގެން ދާތީއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

ރައީސް ޔާމިން ހަރަކާތުގެ ކުރިޔަށް ނިކުންނެވި ހިސާބުން މަންޒަރު ބަދަލު!

އިންޑިއާ އައުޓު ހަރަކާތް އިދިކޮޅު ޕީޕީއެމްގެ އެކަނި ހަރަކާތެއްގެ ގޮތުގައި ފެށިގެން ދިޔަ ނަމަވެސް، މިއަދު އެހަރަކާތް މިވަނީ ފުޅާކަން ބޮޑު ގައުމީ ހަރަކާތަކަށް ބަދަލު ވެގެން ގޮސްފައެވެ. ނަތިޖާއެއްގެ ގޮތުން، ސަރުކާރާ ޚިޔާލު ތަފާތު އެތައްބަޔަކު މިއަދު މިވަނީ "އިންޑިއާ އައުޓު" ޕްލެޓްފޯމާއި ގުޅިފައެވެ.

އަދި މިހަރަކާތް މިހާރު ކުރިޔަށް ދަނީ، އިދިކޮޅު ޕީޕިއެމް ލޯގޯއާއި އެޕާޓީގެ ކުލަ އެއްވެސް ވަރަކަށް ބޭނުން ކުރުމެއްނެތި، ދިވެހި ގައުމީ ކުލަތަކުގައި، ގައުމީ ދިދައާއި އޭގެ އިތުރުން ހަރަކާތުގައި ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ލޯގޯތަށް ބޭނުން ކޮށްގެންނެވެ.

އެހެންނަވެސް، ރައިސް ޔާމިން ޖަލުގައި ހުންނެވި ދުވަސްވަރު، ހަރަކާތް ނުހުއްޓި އަހަރެއްހާ ދުވަހު ކުރިޔަށް ދިޔައިރުވެސް، ސަރުކާރު އޮތީ ހަނުކަން ފާހަގަ ކޮށްލެވެއެވެ. އަދި މިހަރަކާތުން ކުރިޔަށް ގެންދިޔަ ބައެއް މުޒާހިރާތައް ރާއްޖޭގެ ހަފޮޅުން ބޭރުވެ، ދުނިޔޭގެ އެންމެ ބޮޑު އެއް މީޑިއާ ނެޓްވާކް ކަމުގައިވާ އަލްޖަޒީރާ ނިއުސްއިން ރިޕޯޓު ކުރިއިރުވެސް ސަރުކާރުން އެކަންކަމާވެސް މާބޮޑު އަޅާލުމެއް ބެހައްޓި ތަން ފެނިގެން ގޮސްފައެއް ނުވެއެވެ.

އެހެންނަމަވެސް، ރައީސް ޔާމިން ޖަލުން މިނިވަންވެ ޚުދު އެމަނިކްފާނު، އިންޑިއާ އައުޓު ޓީޝާޓުގައި ހަރަކާތުގެ ކުރީސަފަށް ނިކުންނެވުމުން، މަސްރަހަށް ބަދަލު އައިސް، މަންޒަރުވެސް ބަދަލުވާން ފެށިތަން ވަނީ ފެނިގެން ގޮސްފައެވެ. ކުރީގެ ރައީސަކު ބޭރުގެ ދައުލަތަކާއި ދެކޮޅަށް ލިޔެފައިވާ ޝުޢޫރުތައް ހުރި ޓީޝާޓު ތުރު ކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހިރާ ކުރައްވަން ފެއްޓެވުމުން މަސްރަހު ބަދަލުވާން ފެށީއެވެ.

އިންޑިއާ އައުޓުގެ ނަމުގައި ވެރިރަށް މާލޭގެ މަގުތަކުގައާއި، ރާއްޖޭގެ އެހެނިހެން ބައެއް ރަށްތަކުގައިއާއި، އަދި ސޯޝަލް މީޑިއާގެ ވަސީލަތުގުގެ ބޭނުން ކޮށްގެން އިންޑިއާއާއި ދެކޮޅަށް ފާޅު ކުރެވެމުންދާ ޝުއޫއުރަތަކަށް އިންޑިއާ ހަނު އޮތެއްކަމަކު، ތާއީދު ކުރާ ރައްޔިތުންނާއިގެން، މިހަރަކާތުގެ ގިޔަރު އިތުރަށް ކުރިޔަށް ޖެއްސުމަށް ކުރީގެ ރައީސް ޔާމިން ނިކުމެވަޑައި ގެންނެވުމުން، ބޭރުގެ ޖަމްއިއްޔާ ޖަމާއްޔަތަކުންވެސް މިހަރަކާތް ބަލައިގަންނަ ގޮތާއި، އަދި ހައިސިއްތަވެސް މުޅިން ތަފާތުވެގެން ދާނޭކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި ސަރުކަރަށް މީގެ ޕްރެޝަރާއި މިހާރު ކުރިމަތިލާން ޖެހިފައިވާކަމީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުން ކަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ރައީސް ޔާމިން އިންޑިއާ އައުޓު ޓީޝާޓުގައި ކ. ގުރައިދޫގައި

 

އެންމެފަހުން ސަރުކާރުގެ އިންޒާރުތައް!

ޒަމާނުއްސުރެ ރާއްޖެއާއި އެންމެ އަވައްޓެރި، އަދި ރާއްޖެއަށް ޖެހުނު ބައެއް ބޮޑެތި ކަންކަމުގައި ދީލަތިކަމާއެކު އެތަކެއް އެހީތެރިކަމެއް ފޯރުކޮށް ދީފައިވާ އަވައްޓެރި އިންޑިއާއި ދެކޮޅަށް ކުރިޔަށްދާ އިންޑިއާ އައުޓު ހަރަކާތުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވަމުން ދާއިރު، މިހަރަކާތާއި ގުޅޭ ގޮތުން ސަރުކާރުގެ ކަންބޮޑުވުން ހުރިކަމުގެ ނިޝާންތައް މިހާރުވަނީ ފެންނާން ފަށާފައެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަވެގެންދާ އެކަމެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ، އިންޑިއާ އައުޓު ހަރަކާތާއި ދެކޮޅަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދެ އިއްޔެ ދެއްވާފައިވާ އިންޒާރުތަކެވެ.

އެމްޑީޕީގެ އިއްޔެ ބޭއްވި މާލެ ސިޓީގެ ދާއިރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްކޮށް ހުންވައިގެން ހިންގޭނެ ހަރަކާތެއް ނޫންކަމުގައެވެ. އަދި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ އައުޓް ހަރަކާތް ހިންގަމުންދަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެކަން ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށްވެސް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދުވަނީ ވިދާޅުވެފައެވެ.

އިންޑިއާ އައުޓު ނުގޮވޭނެ، ނުގޮވޭނެ.. އެއީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ މަސްލަހަތާއި ޚިލާފް ކަމެއް.. ރައީސް ޔާމީނަށް އިންޑިއާ އައުޓު ޖައްސަވާގެނެއް ބޭރަށް ނިކުމެ ގޮވަމަކުންނެއް ނުހިންގެވޭނެ. އެއީ ދިވެހިރާއްޖޭގެ ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމެއް.

– ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ އިންޒާރުތަކަށްފަހު ޖެހިގެން އައިރޭގެ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު އަލީ ޒާހިރު ވަނީ މި ހަރަކާތް ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަ ދައްކަވާފައެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑިއާއާއޮތް ގުޅުން ހީނަރު ކުރުމަށް މިކުރެވޭ މަސައްކަތުން ނުބައި ނަތީޖާއެއްވެސް ނިކުމެދާނެކަމުގެ ބިރު މިހާރު ހީވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ދެޤައުމުގެ އާންމު ރައްޔިތުންގެ މެދުގައި މިކަމުގެ ނުބައި ރޫހެއް އުފެދި ނުބައި ނަތީޖާއަކަށް ދިއުމުމުގެ ބިރު މިއަދު އޮތްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މިއީ ޚިޔާލު ފާޅު ކުރުމެއްވެސް ނޫން، މިއީ ޤައުމާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް، މިކަން ކުރާކަށް ދިވެހި ސަރުކާރުން ޖާގަ ނުދޭނެ.

– އަލީ ޒާހިރު ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ފަރާތްތަކުން، ޚާއްސަކޮށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކަތް އަލީ ޒާހިރު ސިފަކުރައްވާފައިވަނީ ޤައުމަށްވެވޭ ޚިޔާނާތެއްގެ ގޮތުގައެވެ. އަދި މިއީ ހިންގޭ ބޮޑު ޖަރީމާއެއްކަމަށާއި، މިކަން ކުރަން ދިވެހި ސަރުކާރުން ޖާގަ ނުދޭނެކަމަށް ވިދާޅުވެ، ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު ހިފެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އިސްކުރާނެ ކަމެއްކަމަށާއި އެއްވެސް ބަޔަކަށް ޤައުމުގެ މަސްލަހަތު ނަގާލަން ސަރުކާރުން ޖާގަ ނުދޭނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

 

ނަޝީދު ވިދާޅުވަނީ އިންޑިއާ އައުޓު ގޮވަމުން ރައީސް ޔާމިން ހަރަކާތުގައި އުޅުއްވުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް

 

ހަރަކާތް ހުއްޓުވިދާނެތަ؟

އިދިކޮޅު ޕީޕީއެމްއިން، ރައީސް ޔާމިން އިސްވެ ހުންނަވައިގެން މިހާރު ކުރިޔަށް ގެންދާ އިންޑިއާ އައުޓް ސިޔާސީ ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިގެން ގޮސްފައިވާކަމީ މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

އަދި ފެންނާން އޮތް ހަގީގަތަކީ، މި ހަރަކާތުގައި މިހާރު ބައިވެރިވަމުންދަނީ ހަމައެކަނި ޕީޕީއެމްއަށް ތާއިދުކުރާ މީހުން އެކަނި ނޫންކަންވެސް މެއެވެ. މިގޮތުން، އިންޑިއާ އައުޓު ހަރަކާތަށް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް، ސަރުކާރާ ޚިޔާލު ތަފާތު އެތައްބަޔަކު މިއަދު ނިކުންނަމުން ދާތަން ދަނީ ފެންނަމުންނެވެ.

އެހެންކަމުން، ވަރަށް ގިނަ ދުވަހު ހަނު އޮތުމަށްފަހު، މި ހަރަކާތް އެކީ ހުއްޓުވުމަށް ދެން ސަރުކާރުން ކުރަންޖެހޭނެ މަސައްކަތް އެތައް ގުނައަކަށް މިހާރު އިތުރުވެގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. ސަބަބަކީ، މާލެއާއި ރާއްޖެތެރޭގެ ރަށްތަކުގެ މަގުތަކަށް ހަރަކާތް ފުޅާވެ، އަދި ސޯޝަލް މީޑިއާގައިވެސް އިންޑިއާއައުޓު ޝުއޫރުތައް ފާޅުކުރެވެމުންދާ ނިސްބަތަށް ބަލާރި، މިއީ ވަތަނީ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލު ކުރެވިގެން ގޮސްފައިވާ ކަމަށް ބެލެވޭތީވެސްމެއެވެ.

އެހެންކަމުން، ކަމުގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތެއްކަމަކު، އަދި މުޅި މުޖުތަމަޢު ސިޔާސީ ވެފައި އޮތް ގައުމެއްގައި، ކަންހިގާނީ މިއުސޫލުންކަމުގައި މިއަދު ގަބޫލުރަން ޖެއެވެ. އެއްބަޔަކު މިއަދު މިތިބީ އިންޑިއާއިން ރާއްޖެއަށް އަރާ ރާއްޖެ ހިފައިގެން ތިބިކަމަށް ގަބޫލުކުރެވޭ މިންނަވަރަށް މިހަރަކާތައް އީމާން ވެގެންނެވެ. މިއީ ހަގީގަތުގައިވެސް ސަރުކާރުގެ ކުރިމަތީގައި އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މެނުވީ މިއަދު ފެންނާކަށް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Mamtha
މި ނޫހުން ވިސްނައިދޭން އުޅެފަ މިއޮތީ އިނޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެ ހިސާރު ކޮށްފަ އޮތުމަކީ މައްސަލައެއް ނޫންކަން