ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ 2022 ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ 2 ޕާޓީ (ޕީ.ޕީ.އެމް އަދި ޕީ.އެން.ސީ) ގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ވަނީ ނިންމާފައިކަމަށެވެ.
އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކަޝަންގައި ޕީ.ޕީ.އެމް ގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން 2021 ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ގެ އިތުރުން މާލޭގައި ކުރިއަށް ގެންދާ ގޮތަށްވަނީ ނިންމާފައެވެ. އަދި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމް ގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު 2021 ޑިސެމްބަރު 21 އިން ފެށިގެން 2021 ޑިސެމްބަރު 23 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލައިފައިވާކަމަށެވެ.
އެހެންކަމުން ޤާނޫނުގައި ބުނާ ޝަރުތު ފުރިހަމަވާ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 2 ޕާޓީ (ޕީ.ޕީ.އެމް އަދި ޕީއެންސީ) ގެ މެންބަރެއްގެ ގޮތުގައި 2021 ޑިސެމްބަރު 20 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބައި އިލެކްޝަންގައި ޕާޓީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީ އޮފީހަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ފޯމާއިއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު އެ ތަކެތިވެސް ހުށަހެޅުވުމަށްވެސް އެކޯލިޝަނުން ވަނީ އެދިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް ހުޅުވާލާފައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާގުޅިގެންނެވެ.