ޖަލުތައް ފުރިފައިވަނީ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭތީ: ހޯމް މިނިސްޓަރ

ޖަލުތައް ފުރިފައިވަނީ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭތީ: ހޯމް މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
06 ނޮވެމްބަރ 2020 10:56
0

ޖަލުތައް ފުރި، ޖާގައަށްވުރެ ޤައިދީން އިތުރުވެފައިވަނީ އެކަށީގެންވާ މިންވަރަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔޫޕީއާރު ވަރކިންގ ގްރޫޕްގެ 36 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ޖަލުތަކުގައި ހުރި މައްސަލަތަކަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ފުރި، ޖާގައަށްވުރެ ޤައިދީން އިތުރުވުންކަމަށެވެ. މިމައްސަލަ ދިމާވުމުގެ އަސްލަކީ އެކަށީގެންވާ މިންވަރަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވުންކަމަށާއި، މި ސަރުކާރުގެ އަމާޒަކީ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިންނާއި، މުޖުތަމައުގައި އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތައް ފަހިކޮށްދީގެންންނާއި، ވޮކޭޝަނަލް ޕްރޮގްރާމްތަކުގެ ތެރެއިން ކުށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައުއަށް އަނބުރާ ނެރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމަށްޓަކައި ކަރެކްޝަނަލް ސަރވިސްގައި ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް އުފައްދާފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ޒިންމާދާރު ބައެއްގެ ގޮތުގައި ކުށްވެރިން އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ. ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް މިސަރުކާރުން ދެއްވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތަކުގެ އޮޑިޓެއްކޮށް، ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ކުރަންހުރި ކަންކަން ދެނެގަނެވިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިންސްޕެކްޓަރ އޮފް ކަރެކްޝަންގެ މަޤާމްގެ މަސްޢޫލިއްޔަތު އަދާކުރުމަށް މަގުފަހިކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، ޖަލުގައި ތިބޭ ފަރާތްތަކާ ގުޅޭ ޝަކުވާ ހުށަހަޅާނެ ޚާއްޞަ ހޮޓްލައިނެއް ޤާއިމްކުރެވިފައިވާކަމަށެވެ. އަދި ކަރެކްޝަން އޮފިސަރުން ޖަވާބުދާރީ ކުރުވުމާއެކު، އޮފިސަރުންގެ ސުލޫކީ މިންގަނޑު ހިފަހެއްޓުމުގެ އުޞޫލް ޤާއިމްކުރެވި، އޮފިސަރުންގެ ފަރާތުން އަނިޔާވެރި އަމަލެއް ހިނގައިފިނަމަ ހިޔުމަންރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ރެފަރަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކުރެވި، ކަރެކްޝަން އޮފިސަރުން އެރޫލްސްއަށް އަހުލުވެރި ކުރުމުގެ ތަމްރީން ހިނގަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު ޖަލުތަކާއި، މީހުން ބަންދުކޮށްގެން ބައިތިއްބާ ތަންތަނުގައި ތިބޭ ހުރިހާ އޮފިސަރުންނަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި އޮފިސަރުންނަށް ވެގެންދިއުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.