ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަވެސް ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށް ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ޢިމަރާތުގައި ރެނދުލައި އެތަނަކީ ދަރިވަރުން ކިޔެވުމަށް ރާއްކާތެރި ތަނަކަށް ނުވާތ ީޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެން އެސްކޫލުގެ ދަރިވަރުންނާއި، ބެލެނެވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އުމަރު ވިދާޅުވީ އަލްމަދަރަސަތުލް އިސްލާމިއްޔާ އަކީ މިރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައި ދިނުމުގެމުހިއްމު އެއް ތަނބުކަމަށެވެ. އެމަދަރުސާއަކީ ދިވެހި މުޖުތަމަޢުގެ އަޚުލާޤާއި, އިސްލާމީ ތަރުބިޔަތުގެ ރިވެތި އުސޫލު ދެމެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރާ ތަނެއްކަމަށާއި، އެމަދަރުސާއިން އިސްލާމީ ތަޢުލީމު އުނގެނެމުންދާ ގިނަ ދަރިވަރުންނަކީ އަޚުލާގީ ގޮތުން ރިވެތި ނަމޫނާއެއް ކަމަށެވެ.
އިސްލާމް ދީން އޮތް ޤައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށް. އަޅުގަޑު ދެކެނީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނި ކޮށްލުމަކީ, އިސްލާމީ ތަޢުލީމުގެ ބިންގާ ނެތިކޮށްލުމަށް ކުރެވޭ ކަމެއްކަމަށް.
– އުމަރު ވިދާޅުވިއެވެ.
އެމަދަރުސާގެ ލޮބުވެތި އުސްތާޛުންނާއި, ޢިއްޒަތްތެރިބެލެނިވެރިން މިއަދު އެތިއްބެވީ ވަރަށް ބޮޑަށް ފިކުރުވެރިވެ ގޮތް ހުސްވެފައިކަމަށް އުމަރު ވިދާޅުވިއެވެ. ސަބަބަކީ ދަރިވަރުންނަށް ލިބެމުން ދިޔަ އިސްލާމީ ތަޢުލީމުގެ މަތިވެރި ރިވެތި އުސޫލުތައް ގެއްލިގެން ހިނގައިދާނެތީކަމަށެވެ.
އަޅުގަޑު ސަރުކާރަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް އިލްތިމާސް ކުރާނީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެ އަށް މަސްހުނިކޮށް ނުލައްވައި, ވަކި ސްކޫލެއް އެދަރިވަރުންނަށް ހަމަޖައްސަވައި ދެއްވުމަށް. އަދި އިސްލާމިކް މިނިސްޓްރީއިން ވެސް މިކަމަށް ބާރު އަޅުއްވައި ދެއްވުމަށް ގޮވާލަން.
– އުމަރު ވިދާޅުވިއެވެ.
700އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތަށް ދިމާވި މައްސަލަތަކާގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ޢާއްމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި އެމިނިސްޓްރީން ބުނީ ޢަރަބިއްޔާއަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކުގެ ތެރެއިންވެސް ޚާއްސަ ސިފަތަކެއް ލިބިގެންވާ ސްކޫލެއްކަމަށެވެ. އަދި އެސްކޫލަކީ ރާއްޖޭގައި ތަޢުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަޙުދަތު އެންމެބޮޑަށް ރަމްޒުކޮށްދޭ ތަންކަމަށާ މިފަދަ އެތައް ސަބަބުތަކަށްޓަކައި އެސްކޫލަށް ސަރުކާރުން އަބަދުވެސް އަހަމިއްޔަތުކަން ދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
ޢަރަބިއްޔާއަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވަން ބޭނުންވާ ކުދިންނަށް ހުރި ރަނގަޅު ސްކޫލެއްކަމަށާ، އެސްކޫލްގެ މަންހަޖާއި އިމްތިޙާނުތަކަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޤަބޫލުކުރާ މަންހަޖަކާއި އިމްތިޙާނުތަކެއްކަންވެސް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ޢަރަބިއްޔާ ސްކޫލް ޢިމާރާތަށް ދިމާވެގެން އުޅޭ މައްސަލަ ޙައްލުކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީއަށް ނުހަނު މުހިންމުކަމެއްކަމަށާ، އެހެންނަމަވެސް އެމައްސަލަ އެއްކޮށް ޙައްލުކުރުމަށް އަދި ވަގުތު ނަގާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިހާރު ނިންމާފައިވާ ނިންމުމަކީ ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަނުދިނުމަށް އަޅާ ފިޔަވަޅުތަކެއްކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ. އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ޢިމާރާތުގެ އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލް ޢިމާރާތުގެ ކަންކަން އެމިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށެވެ. މައްސަލަ އެމިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އިންޖިނިއަރުން ލައްވާ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
2 Responses
ޙައްލަކީ ޢުމަރު. އެވަރުގެ ލީޑަރެއް މިގައުމުން ފެންނާކަށް ނެތް.
ޢުމަރަށް ނޫނީ ދެން މިގައުމު ސަލާމަތުގެ އައްސޭރި އަކަށް ގެންދެވޭނެ ފަދަ ސިޔާސީ މީހެއް ފެންނާކަށް ނެތް. ހިއްވަރު ގަދަ ކެރޭ ތެދުވެރި އަދި އިސްލާމް ދީނަށް ލޯބި އޮތް ގައުމު ދެކެ ލޯބިވާ ބޭފުޅެއް އުމަރަކީ..