ޒައިދާއި، އިޔާޒު ރައްދެއް އޭޖީއަށް: ޤިސާސް ހިފުމަށް އާންމުންގެ ޚިޔާލެއް ނުހޯދޭނެ، އަވަހަށް ތަޢުބާވޭ!

ޒައިދާއި، އިޔާޒު ރައްދެއް އޭޖީއަށް: ޤިސާސް ހިފުމަށް އާންމުންގެ ޚިޔާލެއް ނުހޯދޭނެ، އަވަހަށް ތަޢުބާވޭ!

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2020 10:22
0

ޤިސާސްގެ ހުކުމަކީ ކީރިތި ޤުރުއާންގެ ނައްސުން ސާބިތު މުޅި އުއްމަތް އިޖުމާއު ވެފައިވާ މައްސަލައަކަށްވާއިރު، މި ހުކުމަށް އާންމުންގެ ޚިޔާލެއް ހޯދައި ބަދަލު ގެނައުމުގެ އިޚްތިޔާރު ސަރުކާރަކަށްވެސް އަދި އެހެން ބަޔަކަށްވެސް ލިބިގެން ނުވާކަމަސް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށެވެ.

އެޓާނީ ޖެނެރަލްގެ މިވާހަތަކާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ މެދުގައި މިކަމުގައި ބޮޑު ބަހުސްއެއް ސޯޝަލް މީޑިޔާގައި ކުރެވެމުންދާއިރު، ޝައިޚު އަލީ ޒައިދު ވިދާޅުވީ މަރަށް މަރު ހިފުމަކީ ޚިޔާލު ހޯދައި ރައްުޔިތުންނާއި މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އޭގެ ހުރިހާ ޝަރުތެއް ފުރިހަމަ ވެއްޖެނަމަ އެހުކުމް ދެމެހެއްޓުމަކީ ވެރިންގެ މައްޗަށް ވާޖިބް ކަމެއްކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ. އިސްލާމްދީނުގެ ހުކުމްތަކަށް ބަދަލު ގެނެސް އެއާއި ކުޅެން އުޅުމަކީ ގޯހެއް ކަމަށާއި، އިސްލާމްދީނުގެ ހުކުމްތަކަކީ އެންމެ ފުރިހަމަ ހުކުމްތައް ކަމުގައި ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޒައިދުގެ މިވާހަތަކަށް ތާއީދުކޮށް މިސަރުކާރާއި ރައީސް ޞާލިހުގެ ދިފާއުގައި އަބަދުވެސް ވާހަކަ ދައްކަވާ ޑރ.މުހައްމަދު އިޔާޒުވަނީ އޭޖީ ރިއްފަތު ތައުބާވުމަށް ގޮވާލައްވާފައެވެ. އިޔާޒު ވިދާޅުވީ ﷲ ގެ ހުކުމްތަކަށް ބަދަލު ގެންނަން އުޅޭނަމަ އެއީ އެތަނެއްގެ ހަލާކުކަމަށެވެ.

އިންސާނުން އެމީހުންގެ ސައިޒު އިން ނެއްޓިގެން ﷲގެ ހުކުމްތަކަށް ބަދަލު ގެންނަން އުޅޭނަމް ދެން ވާނީ ހަލާކު. އެ ހިސާބަށް ދިއުމުގެ ކުރިން ބަސް އަނބުރާ ގެނެސް ތައުވާވެލައްވާ

– ޑރ.މުހައްމަދު އިޔާޒު

މިއަދުގެ ބައްދަލުވުމުގައި އޭޖީ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށެވެ. އަދި މަރުގެ އަދަބު ނައްތައިލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.