ރާއްޖެއިން އިތުރު 104 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 104 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ޕޮޒިޓިވްވި 5689 މީހުންނާއި މާލެއިން ބައްޔަށް ޕޮޒިޓިވްވި 20 މީހުންނެވެ. އަދި ރިސޯޓަކުން 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 93،733 އަށް އަރާފައެވެ.
ކޯވިޑް ޖެހިގެން މިވަގުތު 2،056 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 59 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 91،405 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،610 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.