އައުޓު ވާންވީ އިންޑިއާތަ؟ ނުވަތަ އިންޑިއާގެ އަސްކަރިއްޔާތަ؟

އައުޓު ވާންވީ އިންޑިއާތަ؟ ނުވަތަ އިންޑިއާގެ އަސްކަރިއްޔާތަ؟

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ކޮށްފައިވާ އަސްކަރީ އެއްބަސްވުން ވެގެން ގޮސްފައިވަނީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އާދަޔާ ޚިލާފު އެއްބަސްވުމަކަށެވެ.

ސަބަބަކީ މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން އިދިކޮޅު ފަރާތްތަކަށް މި ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނޭ ސިޔާސީ ވަރުގަދަ ޕްލެޓްފޯމެއް އުފަންވެގެން ދިއުމުގެ އިތުރުން، މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ދިވެހި ރައްޔިތުންނަކަށް ޒަމާންވީ އެންމެ އެކުވެރި، އަދި އަވައްޓެރި އިންޑިއާއާއި ދެކޮޅަށް މަގުތަކަށް ނިކުމެ މުޒާހިރާ ކުރަންވެސް ފުރުސަތު ތަނަވަސް ކޮށްދިން އެއްބަސްވުމަކަށް މިއެއްބަސްވުން ވެގެން ގޮސްފައިވާތީވެސް މެއެވެ. އަދި ރައީސް ޔާމިން ޖަލުން މިނިވަންވެ ވަޑައިގެންނެވި އިރު، މި ކެމްޕޭން ސިޔާސީ ގޮތުން ރަގަޅަށް ވައިގައި ހިފާ، ފައްކާވެފައި އޮތް އޮތުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމުން ރައީސް ޔާމިން މިނިވަން ވުމާއެކުހެން ކަހަލަ ގޮތަކަށް "އިންޑިއާ އައުޓު" ޓީޝާޓުގައި ރަށްތަކަށް ދަތުރު ކުރައްވަން އެމަނިކްފާނު ފެއްޓެވި ފެއްޓެވުމެވެ. ޖަލުން މިނިވަން ވުމާއެކު އެމަނިކްފާނުވަނީ މި ކެމްޕޭނު 5ވަނަ ގިޔަރުގައި ކުރިޔަށް ގެންދަވަން ފައްޓަވާފައެވެ.

ރައީސް ޔާމިން އިންޑިއާ އައުޓު ޓީޝާޓުގައި ކ. ގުރައިދޫގައި

މިގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ވެގެންދިޔައީ، ރައީސް ޔާމިން މިހަރަކާތުގެ އެންމެ ކުރިޔަށް ނިކުމެ ވަޑައިގެން ރާއްޖެތެރެއަށް ކުރެއްވި ފުރަތަމަ ދަތުފުޅުގައި، ތުރު ކުރައްވައިގެން ހުންނެވި ޓީ ޝާޓުގެ ކުރިމަތީގައި އިނގިރޭސިބަހުން ބޮޑު އަކުރުން "އިންޑިއާ އައުޓު" ޖަހާފައި އޮތް އޮތުމެވެ. ބޭރުގެ އަވައްޓެރި ގައުމެއް ރާއްޖެއިން ބޭރުކުރުމަށް މެސެޖު ޖައްސަވައިގެން، އެ މެސެޖާއިގެން ހަރަކާތުގެ ކުރިޔަށް ރައީސް ޔާމިން ނިކުމެ ވަޑައިގެންނެވުމުން ގިނަބަޔަކު ދަނީ، މިކަން ތަފާތު ގިނަ ގޮތްގޮތަށް ސިފަ ކުރަމުންނެވެ.

 

އިންޑިއާ އައުޓު ހަރަކާތުގެ އަމާޒު!

އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްވަސްވުމާއި ގުޅިގެން، ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިގެން އުޅޭ މައިގަޑު ޚިޔާލު ތަފާތުވުމަކީ، މިއެއްބަސްވުމުގެ ދަށުން ދިގުމުއްދަތަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ފުރުސަތު ލިބިގެން ދިއުމެވެ.

އަދި މިއީ، މިކަމުގެ އަސްލަށް ބަލާއިރު، އޭގައި ނާޒުކުރަން (ސެންސިޓިވިޓީ) އޮވެދާނެ މައްސަލައެއްކަމުގައި ގަބޫލުވެސް ކުރަން ޖެހެއެވެ. ސަބަބަކީ، ދެގައުމެއްގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމުގެ ޒަރީއާއިން ނަމަވެސް، ބޭރުގެ ގައުމެއްގެ އަސްކަރިއާޔާއަކަށް އަމިއްލަ ގައުމުގައި، ސޮއިކުރެވޭ އެއްބަސްވުމަކުން ލާޒިމް ކޮށްގެން ތިބެން ފުރުސަތު ދިނުމަކީ އެކަމުގައި ގާނޫނީ އެތަކެއް މައްސަލަތަކެއް ހުރުމުގެ އިތުރުން، ކުރިޔަށް އޮތް ތަނުގައި އެތައް ބޮޑެތި މައްސަލަތެއް ކުރިމަތި ވެގެން ހިގައިދާނެ މުއާމަލާތަކަށް ވެގެންދާތީއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަދި ހަމަ އެފަދައިން، ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެއްވެސް އަސްކަރީ ބާރަކަށް ގައުމަކުން ފުރުސަތު ދިނުމުގައި ހުރިހާ ގައުމަކުންވެސް، ސްޓަރަޓެޖީކް ކޮށް ވިސްނާ ގިނަ ކަންކަންވެސް ހުރެއެވެ. މީގެ ތެރޭގައި، ޖާސޫސު ކުރުމާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެހެނިހެން ގައުމުތަކާ އޮންނަ ގުޅުމަށް ދުރު ރާސްތާގައި ކުރިމަތިވެދާނޭ ގޮންޖެހުންތަކާއި، އަދި މިނޫނަސް މިފަދަ ގިނަގުނަ، ހައްލު ކުރަން ދަތި މައްސަލަތަކާވެސް ކުރިމަތިވެގެން ހިގައިދާނެތީވެސް މެއެވެ.

މިހުރިހާ ސަބަބުތަކެއް މިގޮތުގައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގެ އަސްކަރީ ސިފައިން، އިސްވެ ދެންނެވުނު އެއްބަސްވުމުގެ ޒަރީއާއިން، ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް ހިންގަމުންދާ ސިޔާސީ ހަރަކާތް ބަލައިގަތުން ގިނަ ބަޔަކަށް ފަސޭހަކަމަކަށް ވެގެން ގޮސްފައިވާކަން މުފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

އެހެންނަމަވެސް، އެއީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ދާއިމީ ގޮތެއްގައި ދެމިތިބޭ ތިބުމާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ފާޅު ކުރަމުންދާ ޝުޢޫރުތަކެވެ. ފަހަރެއްގައިވެސް އިންޑިއާގައި އޮތް ހިންދޫންގެ ވަތަނީ ސަރުކާރާ ދެކޮޅަށް ބަންޑުން ކުރަމުންދާ އުދާސްތަކެއް ނޫންކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ހަމަ އެހެންމެ، ރާއްޖޭއަށް ޒިޔާރަތްކުރާ އިންޑިއާގެ އެތައް ސަތޭކަ ރައްޔިތުންނާއި، ނުވަތަ ވަޒީފާ އަދާ ކުރުމުގައާއި އަދި އެނޫނަސް ވިޔަފާރިގެ ތަފާތު ބޭނުންތަކުގައި ރާއްޖޭގައި ތިބޭ އިންޑިއާގެ އެތައް ސަތޭކަ ރައްޔިތުންނަކާ ދެކޮޅަށް ހިންގޭ ހަރަކާތެއްވެސް ނުމެ ނޫންމެއެވެ.

 

ޓީޝާޓުތަކުގައި އިންޑިއާ އައުޓް، ބެނަރ ތަކުގައި އިންޑިއާ މިލިޓަރީ އައުޓު!

އިދިކޮޅު ހަރަކާތުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ "އިންޑިއާ އައުޓު" ސިޔާސީ ހަރަކާތް، ރައީސް ޔާމިން މިނިވަން ވުމާއެކު އެތައް ގުނައަކުން ފުޅާވެ، އަދި އެތައް ގިޔަރެއް ކުރިޔަށް ޖައްސާލާފައިވާއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާ ދެކޮޅަށް ދެބާވަތެއްގެ ޝުޢޫރުތަކެއް ފާޅު ކުރަމުންދާތަން ދަނީ ފެންނަމުންނެވެ. އަދި ރާއްޖެތެރެއަށް ރައީސް ޔާމިން ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގައި ފެންނަމުންދަނީ، އިންޑިއާ ރާއްޖެއިން ބޭރުވުމަށް ގޮވާލާ މެސެޖް ލިޔެފައިވާ ޓީޝާޓު ބޭނުން ކުރައްވަމުން ގެންދަވާ ތަނެވެ.

މިގޮތުން، ހަރަކާތުގައި ބައިވެރިވާ އެކްޓިވިސްޓުން "އިންޑިއާ އައުޓު" މިޝިއާރު ލިޔެފައިވާ ޓީޝާޓުތަކުގައި ތިބޭ ނަމަވެސް، ހަރަކާތުން ފެންނަ ބެނަރތަކުން ގިނަ ފަހަރަށް ފެނިގެން ގޮސްފައިވަނީ "އިންޑިއާ މިލިޓަރީ އައިޓު" މިޝިއާރު ބޭނުންކޮށްފައި ހުންނަ މަންޒަރެވެ.

އެކްޓިވިސްޓުން "އިންޑިއާ އައުޓު" ޓީޝާޓުގައި ތިބޭރިރު، ބެނާރ ތަކުގައި ލިޔެފައި ހުންނަނީ "އިންޑިއާ މެލެޓިރައީ

އެހެންކަމުން، މި ސިޔާސީ ހަރަކާތް ގައުމީ ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ދާއިރު، އަދި ބޭރުގެ ބައެއް މީޑިއާތަކުންވެސް ފަހަކަށް އައިސް މި ހަރަކާތް ރިޕޯޓު ކުރަން ފަށާފައިވާއިރު، މިހަރަކާތުގައި ބޭނުން ކުރަމުންދާ މެސެޖްތަކާއި ޝިއާރުތަކުން މިހަރަކާތުގައި ސާފު ހަގީގީ މަގުސަދެއް އޮތްނަމަ އެމަގުސަދު ސާފުވާން ޖެހޭކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

ސަބަބަކީ، އަދި ކަމުގެ ހަގީގަތަކީވެސް، ކުރިމަތިވެގެން އުޅޭ މައްސަލައަކީ، ބޭރުގެ ބާރަކުން ރާއްޖެއަށް އަރާ، މިގައުމު ހިފާ، ވެރިކަން ބަދަލުކޮށް، އެބީދައިން ގައުމު އަޅުވެތި ކޮށްގެން ކުރިމަތިވެގެން އުޅޭ މައްސަލައަކަށް ނުވާތީއެވެ. އޭގެ ބަދަލުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދެކޮޅުވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަމުންދާ މައްސަލައަކީ، ބޭރުގެ ގައުމެއްގެ އަސްކަރިއްޔާއަކަށް، ދެގައުމުން އެއްބަސްވާ އުސޫލަކުން ނަމަވެސް، ދިގު މުއްދަތަކަށް، ނުވަތަ ދާއިމީ ގޮތެއްގައި (އެއްބަސްވުން ހާމަކޮށްފައި ނުވާތީ މުޅިން ސާފުވާން ނެތް ކަމެއް) ރާއްޖޭގައި ތިބެން ފުރުސަތު ލިބިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެގެން އުޅޭ މައްސައަކަށް ވާތީއެވެ.

އެހެންކަމުން، ސިޔާސީ ގޮތުން ސަރުކާރާ ޚިޔާލު ތަފާތު އެތައްބަޔަކު އެކުވެ، މިސަރުކާރުން އިންޑިއާ ސަރުކާރާއެކު ކޮށްފައިވާ އެއްބަސްވުމާ ދެކޮޅަށް ހިންގަމުންދާ މިސިޔާސީ ހަރަކާތް މިޒާން ކޮށް، މިއީ، މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީއާއި ދެކޮޅަށް ހިންގޭ ހަރަކާތެއްތޯ ނުވަތަ، މިސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމަކާ ދެކޮޅު ހެދުމުގެ ހިންގޭ ހަރަކާތެއްތޯ ސާފުވާން ޖެހޭ ކަމުގައި ގަބޫލު ކުރަންޖެހެއެވެ. އަދި މި ހަގީގަތަކީ އަލަމުންވެސް ސާފުވާންޖެހޭ ހަގީގަތެއް ކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *