އަފްއާނިސްތާނުގެ ކުރީގެ ސަރުކާރުން އދ. އަށް ކަނޑައަޅާފައި ހުންނެވި ސަފީރު މަގާމުން އިސްތިއުފާ ދެއްވުމާއެކު، އދ. ގެ ގޮޑިއެއް އެގައުމް ޚާއްސަ ކޮށްދިނުމަށް އެދި، އެގައުމުގައި މިހާރު ވެރިކަން ކުރަމުންދާ ތާލިބާން ސަރުކާރުން އެދިއްޖެއެވެ.
ފާއިތުވެދިޔަ އޮގަސްޓުމަހުގެ 15ވަނަ ދުވަހު އަފްއާނިސްތާނުގެ ވެރިރަށް ބާރުގެ ދަށަށް ގެނެސް، އެގައުމުގައި ވެރިކަން ކުރަމުންދާ ތާލިބާން ސަރުކާރު މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ބަލައިގެންފައެއް ނުވެއެވެ.
ޔޫއެންގެ އެސިސްޓެންޓް ތަރުޖަމާން ފަރުހާން ހާއްގު އޭއެފްޕީއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުން ޔޫއެންއަށް އައްޔަން ކޮށްފައ ހުންނެވި ސަފީރު ގުމާލް އިސަކްޒާއި ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއްފާ ދެއްވާފައިވާ ކަން ބުރާސްފަތި ދުވަހު ސިޓީއަކުން ޔޫއެންއަށް އަންގަވާފައި ކަމުގައެވެ.
ތާލިބާން ސަރުކާރުން ޔޫއެންއަށް އައްޔަން ކޮށްފައި ހުންނެވި ސުހައިލް ޝަހީން ވިދާޅުވެފައިވަނީ، މަގާމް ހުސްވެފައިވާ ވުމާއެކު، އަފްއާނިސްތާންގެ މިހާރުގެ ސަރުކާރަށް އެމަގާމް މިހާރު ލިބެންވާނެ ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ، މިމައްސަލައަކީ ޔޫއެންގެ އިޚްލާސްތެރިކަމާ ތެދުވެރިކަމާވެސް ގުޅުންހުރި މައްސަލައެއް ކަމުގައެވެ.
އަފްއާނިސްތާނުގެ ކުރީގެ ސަރުކާރު ވެއްޓި، އަދި ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި ސަރުކާރެއް ގާއިމްކުރިތާ އެއްމަސް ވެގެންދިޔަ އިރުވެސް، އިސަކްޒާއި ވަނީ ސަފީރުގެ ހައިސިއްޔަތުން ޔޫއެން ހެޑްކުއާޓަރަށް ވަޑައިގަންނަވާފައެވެ. އަދި ފާއިތުވި ނޮވެމްބަރުމަހު އޭނާވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލް ބައްދަލުވުމެއްގައި އަފްއާނިސްތާނުގެ މިހާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މިމަހުގެ ކުރީކޮޅު ޔޫއެން ޖެނެރަލް އެސެމްބްލީން ވަނީ، އަފައާނިސްތާނަށް ޔޫއެންގެ ގޮނޑިއެއް ޚާއްސަ ކޮށްދިނުން ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.
ތާލިބާން ޖަމާއަތުން 1996 ވަނަ އަހަރުން 2001 ވަނަ އަހަރާ ހަމައަށް އެގައުމުގައި ވެރިކަން ކުރިއިރުވެސް އެގައުމަށް އދ. އިން ގޮޑިއެއް ލިބިފައެއް ނުވެއެވެ. އަދި އެވެރިކަން މުޅި ދުނިޔެއިންވެސް ބަލައިގެންފަ އޮތީ އެންމެ 3 ގައުމަކުންނެވެ. އެއީ ސައުދީ އަރަބިއާއާއި، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އިތުރުން ޕާކިސްތާނެވެ.
އަފްއާނިސްތާންއިން އދ. އަށް މިހާރު ކަނޑައަޅާފައިވާ ޝަހީންއަކީ، 1996 ވަނަ އަހަރުން 2001 އަށް ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި ވެރިކަން ކުރިއިރު އެގައުމުން އިސްލާމް އާބާދަށް ކަނޑައަޅާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރއެވެ. އަދި ފަހުން ހުންނެވީ، ތާލިބާން ޖަމާއަތުގެ ތަރުޖަމާންއަކަށެވެ. އޭނާ އިގިރޭސިބަހަށް ފަރިތަވުމުގެ ސަބަބުން އޭނާ ވެގެން ގޮސްފައިވަނީ، ބޭރުގެ މީޑިއާތަކާ ވަރަށް ރައްޓެހި ބޭފުޅަކަށެވެ.
ކޮމެންޓު ފޮނުވާ