އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢާންމުކޮށްފި

އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢާންމުކޮށްފި

Author
މުޙައްމަދު ޖިމީ
04 ނޮވެމްބަރ 2020 08:52
0

އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަކޮށްފައިވާ ކެޓެގަރީ، (އެޗް-6) ކެޓަގަރީ އިން ހިޔާ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށްފިއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓާއެކު، އެކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ޝަރުތުހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބުވަނީ ގެޒެޓްކޮށްފައެވެ. އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައްވެސް ސަބަބާއެކު ވަގުތީ ލިސްޓުގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމުގައި ވެސް އެ ކޮމެޓީން ނެރުނު އިޢުލާނުގައިވެއެވެ. ހަމަ އެހެންމެ، އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް ދެ ފަރާތުން ވެސް ފޯމު ހުށަހަޅައި، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް، އެ ފަރާތަކަށް ކަމުގައި ވެސް ފްކެޓްތަކުގެ މައްސަލަބަލާ ކޮމެޓީގެ އިޢުލާނުގައިވެއެވެ.

"ހިޔާ މަޝްރޫޢު" ގެ H06 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2020 ނޮވެންބަރު 16 ވަނަ ދުވަހުގެ 15:00 ނިޔަލަށް ވަނީ ހުޅުވައިލާފައެވެ. މި ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލާފައި ވަނީhttps://hcp.presidency.gov.mv/ ލިންކު މެދުވެރިކޮށެވެ. "ހިޔާ މަޝްރޫޢު" ގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންވެލައްވާ ނަމަ 3010718 އަށް ގުޅުއްވުމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ވަނީ އެދިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.