ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ތައްޔާރުވާން ފަށައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ތައްޔާރުވާން ފަށައިފި

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2021 05:18
0

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ބޭނުންވާ މަޢުލުމާތުތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ރޭ އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ބޭއްވުމާއި ގުޅޭގޮތުން އޮންލައިން ނޫސް އަވަސް އަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވިދާޅުވެފައިވަނީ ބައި އިލެކްޝަން ބޭއްވުމަށް އިދާރީ ގޮތުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.

ޤާނޫނު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނުގައި ބަޔާންކުރާ އެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވާނެކަމަށެވެ. އީސީން ބުނީ ބައި އިލެކްޝަން ބޭއްވުމާއި ގުޅޭގޮތުން މާދަމާ ބާއްވާ އެކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާކުރާނެކަމަށެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައި އަވަހާރަވި، ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދުގެ ޖަނާޒާ މިއަދު ވަނީ ބާއްވާފައެވެ. ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު، ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު 1:30 ހާއިރުއެވެ.

ހުސެއިން ވަހީދުވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އިންތިޚާބު ވެވަޑައިގެންފައެވެ.

ހުސެއިން ވަހީދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ޖަނާޒާގައި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ މެމްބަރުންގެ އިތުރު ހެޔޮ އެދިވަޑައިގަންނަވާ ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.