ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ސަރުކަރާއިއެކު މަޝްވަރާ ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމުމަށްޓަކައި ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. ފިނިޝިންގެ މަސައްކަތަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް އެޗްޑީސީން ސަރުކާރާއި މަޝްވަރާ ކުރަމުންދަނީ ބައެއް އާއިލާތަކަށް ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ދަތިތަކާއި ކުރިމަތިވުމުންކަމަށެވެ. މިކަމުގައި ސަރުކާރާއިއެކު ކުރާ މަސައްކަތުން މިހާތަނަށް އަދި ވަކިގޮތެއް ނިމިފަިއ ނުވިނަމަވެސް، ވަރަށް އަވަހަށް މިކަމުގައި ގޮތެއް ނިމިގެންދާނެކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމައި، ކުލި ނެގުމަށް ކުރިން ހަމަޖެއްސީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ނަމަވެސް މުއްދަތަށްވެސް ފިނިޝިންގެ މަސައްކަތް ނުނިމުމުން މިއަހަރުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު މުއްދަތެއް ދެއްވާފައެވެ.
ހިޔާ ފްލެޓްތަކަށް ގިނަ އާއިލާތަކެއް ބަދަލުވެފައިވާއިރު، އެއްފަހަރާ ގިނަ ބަޔަކު ފްލެޓްތަކަށް ބަދަލުވުމުން ބޭނުންވާ ސާމާނު ލިބުމަށްަވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ކޯވިޑް-19އާއިއެކު ކުރިމަތި އިޤްތިޞާދީ ހާލަތާއި ގުޅިގެން ބައެއް އާއިލާތަކަށް ވަނީ މާލީގޮތުންވެސް ދަތިތަކާއި ކުރިމަތިވެފައެވެ.
7000 ހައުސިންގ ޔުނިޓުގެ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާ ކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.