ކިނބިދޫގެ ވެށި އަމާން ކުރުމަށް މަޝްވަރާކޮށްފި

ކިނބިދޫގެ ވެށި އަމާން ކުރުމަށް މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2020 12:45
0

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން އެ ރަށު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެ ކަންކަން ހައްލުކުރުމަށް ފުލުހުންނާއި ކައުންސިލު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރަށުތެރޭގައި ހިނގާ ކުށްތައް މަދުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލިކުރުމަށް ކުރެވިދާނެ ކަންކަމާއި ކުށްމަދު އަމާން މާހައުލެއް ރަށުގައި ގާއިމުކުރުމަށް ދެ ފަރާތް ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެ ބައްދަލުވުމުގައި، ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޝާކިރާއި ކިނބިދޫ ޕޮލިސް ސްޓޭޝަން އިންޗާޖާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެފައިވެއެވެ.

ކިނބިދޫގައި މިދޭތެރެއިން ވައްކަން އިތުރުވެ ރަށުގެ ރައްޔިތުން ނިކުމެ މުޒާހަރާވެސް ކޮށްފައެވެ. އަދި ވައްކަމުގެ މައްސަލަތައް ހައްލުނުވާތީ އެރަށުގައި ހިނގި ވައްކަމުގެ މައްސަލައިގައި އެ ރަށު ރައްޔިތުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ބޭރުގައި ޓޭޕުވެސް އަަޅާފަ އެވެ. އެނގިފައިވާ ގޮތުގައި ކޯޓުގައި ގާޒީ އެއް ނުހުންނަތާ 12 އަހަރުވެދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.