މަސްވެރިކަމުގެ ސިނާއަތުގައި އަދިވެސް އޮތީ 19 ވަނަ ގަރުނުގެ ކޮރަޕްޓް ސިޔާސަތު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަރިސްކުރަމުން ސައުދު ވިދާޅުވީ، މަސްވެރިން ކުރާ ހަލާލު ބުރަ މަސައްކަތުގެ މަންފާ މަސްވެރިންނަށް ހޯދާ ދިނުމަށް، ބާނާ މަހުގެ އަދަދު އިތުރުކޮށް، ޤައުމީ އުފެއްދުން ތެރިކަން ކުރިއެރުވޭނެ ޒަމާނީ އާ ސިޔާސަތުތަކެއް ކަނޑަ އަޅަންޖެހޭ ކަމަށެވެ.
މަސްވެރިންނަކީ ޤައުމީ އުފެއްދުން ތެރިކަމުގެ މައިތަނބު ކަމަށްވާއިރު، މަސްވެރިން ކުރާ ހަލާލު މަސައްކަތުގެ އަގު ވަޒަން ކުރުމަށް، ހެލްތު އިންސުއަރެންސް ކަވާ ކުރެވޭ ޒަމާނީ މަސްވެރިކަމުގެ ދިވެހި ސީފެއާޒް އުފައްދައި، މަސްވެރިންގެ އެންމެހައި ހައްގުތައް ކަށަވަރުކޮށް ބިދޭސީން މި ސިނާއަތުން އެކަހެރި ކުރަންޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާ އަތުގައި އަދިވެސް ހިނގަމުންދަނީ 19 ވަނަ ގަރުނުގަ ދިވެހި ރާއްޖޭގައި ގެންގުޅުނު ކޮރަޕްޓް ސިޔާސަތު. އިންޑަސްޓްރީގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް މަސްވެރިން ބާނާ ހުރިހާ މަހެއް ރާއްޖޭގައި ވެލިއު އެޑް ކުރެވި ހަމަ އަގު ހޯދުމަށް ތައިލެންޑަށް ކުރާ ބަލްކު އެކްސްޕޯޓް ހުއްޓާލަން ޖެހޭ.
– ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ފެލިވަރު އަޕްގްރޭޑްގެ ނަމުގައި ޕްރޮޖެކްޓެއް ހިންގާތާ 9 އަހަރު ވަމުންދަނީ އަދިވެސް ކޮޅެއް މެދެއް ނުފެންނަ ކަމަށެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ %90 ކަލެކްޓްކޮށް ގުދަން ކުރަނީ ކޫއްޑޫގައި ކަމަށާއި، އަދި ތައިލެންޑަށް އެކްސްޕޯޓް ކުރާ މަހުގެ %100 މަސް އެކްސްޕޯޓް ކުރަނީ ކޫއްޑޫއިން ކަމަށް ސައުދު ވިދާޅުވިއެވެ.
އަހަރަކު 30- 40 ހާސް ޓަނުގެ މަސް ކޫއްޑޫއިން ތައިލެންޑަށް އެކްސްޕޯޓް ކުރާއިރު، ކޫއްޑޫ އަދި އައްޑޫގައި ކޭނިން ފެކްޓްރީ ޤާއިމްކޮށް ދަޅުގައި މަސް ބަންދުކޮށް ވެލިއު އެޑް ޕްރޮޑަކްޓް އުފައްދާ އެކްސްޕޯޓްކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމަށް އިންޑަސްޓްރީގެ ވެރިން އަދިވެސް ފެންނަނީ ފަހަތަށް ބުރަވާތަން ކަމުގައި ސައުދު ވިދާޅުވިއެވެ.