ދައުލަތުގެ ހުރިހާ ދޮރެއް ވަނީ ވައްކަމާއި ކޮރަޕްޝަނަށް ހުޅުވިފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ އިންޝުއަރެންސާއި ބެހޭ ބިލަށް ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ޒިންމާވާ އެންމެ އިސްފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުގެ ރައީސަކު ނެތި ފައިތުވާ ކޮންމެ ދުވަހަކީ ވައްކަމަށް ފުރުސަތު ދެވޭ ދުވަހެއްކަމަށެވެ.
ޕީސީބީގެ ރައީސް ވަނީ އިސްތިއުފާދީފަ ގޮސްފަ. އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ އަދި މީހަކު އައްޔަން ނުކުރައްވާ. ސަރުކާރުގެ ހުރިހާ ދޮރެއް ވަނީ ކޮރަޕްޝަނަށް ހުޅުވިފަ. މިއަދަކު ނޫން ހުޅުވުނީ ހަތް އަހަރު ދުވަސްވަނީ، ޕީސީބީގެ ޤާނޫނުގައިވޭ ޕީސީބީ އެކުލަވާލާތާ 4 މަސް ދުވަހުގެ ތެރޭ ޤަވާއިދު ހަދަން ޖެހޭނެއޭ. 7 އަހަރުވީ ޤަވާއިދު ނަހަދާތާ. ވަހީދު ވެރިކަން ނިމިއްޖެ، ޔަމީން ވެރިކަން ނިމިއްޖެ، މިވެރިކަމުގެ ދެ އަހަރު ވެއްޖެ ނުހަދާ އަދިވެސް.
– އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އިބްރާހިމް ނަޝީދު ވިދާޅުވީ މިގޮތަށް ކުންފުނިތަކުގެ ބަލަދުވެރި ފަރާތެއް ނެތި ކުންފުނިތަކަށް ބާރު ނުފޯރުވޭ ގޮތަށް ދޫކޮށްލާފައި އޮތުމުން ބޮޑެތި ވައްކަންތައް ކުރަމުންދާ މަނަޒްރު ފެންނަމުންދާކަމަށެވެ. މިއީ ސަރުކާރުން ޒިންމާވެ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވި، 7 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައި އެ ބޯޑުގެ ރައީސަކަށް ހަސަން ވަހީދު ހަމަޖައްސަވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ނަމަވެސް އޭނާ މަޤާމުން މަދު ދުވަސްތަކުގެ ތެރޭގައި އިސްތިއުފާ ދެއްވި ނަމަވެސް އަދާއިހަމަށްވެސް އެމަޤާމަށް ބޭފުޅަކު އައްޔަން ކޮށްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ