ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޢިމާރާތްކުރި މަސްޖިދު އަބީ ބަކްރިއްސިއްދީޤް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ހުޅުވައިދެއްވައިފިއެވެ.
600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، މި މިސްކިތަކީ ހިޔާ ފްލެޓް ސަރަޙައްދުގައި އުޅުއްވާ ބޭފުޅުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އަޅާފައިވާ މިސްކިތެކެވެ. ހަމައެހެންމެ، މިނިސްޓަރ ވިދާޅުވިގޮތުގައި މިސްކިތްތަށް އިމާރާތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި އަދި މިސްކިތްތަށް ޒީނަތްތެރިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޢިމާރާތްކުރެވުނު މަސްޖިދު އަބީ ބަކްރިއް ސިއްދީޤް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ މިއަދު ހުޅުވާދެއްވައިފި.#MVIaffairs pic.twitter.com/KMYAMU03ER
— Ministry of Islamic Affairs (@MVIaffairs) December 9, 2021
މީގެ އިތުރުން ހުރިހައި ބޭފުޅުންވެސް ޤަވާޢިދުން ނަމާދު ޤާއިމްކުރުމަށް މިނިސްޓަރ ނަސޭޙަތްތެރިވެލެއްވިއެވެ. އަދި މިއަދުގެ ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު މިފަދަ ދީނީ ކަންކަމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.
މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި، ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުއެވެ. 20 ސެޕްޓެމްބަރ 2021 ވާ ހުކުރު ދުވަހުން ފެށިގެން މި މިސްކިތުގައި ހުކުރުނަމާދު ކުރުންވެސް ވަނީ ހަމަޖެހިފައެވެ.