މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭ މުސާރަ ކަނޑައެޅުމާއި ގުޅިގެން މިމަހުން ފެށިގެން އެސިޔާސަތު ތަންފީޒު ކުރަން ފަށާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ މިމަހުން ފެށިގެން މިނިމަމްވޭޖް ސިޔާސަތާއި އެއްގޮތަށް އެސްޓީއޯގެ މުވައްޒިފުންނަށް މުސާރަ ހަމަޖެހިގެން ދާނެކަމަށެވެ. މިއާއިއެކު އެސްޓީއޯއިން ކޮންމެ އަހަރަކު މުސާރައަށް 14 މިލިޔަން ރުފިޔާ އިތުރުވެގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
1 ޑިސެންބަރުން ފެށިގެން އެސްޓީއޯއިން ވަނީ މިނިމަމް ވޭޖް ސިޔާސަތާ އެއްގޮތަށް މުސާރައިގެ އޮނިގަޑަށް ބަދަލުގެނެވިފަ. މި ބަދަލުން އެސްޓީއޯގެ މުވައްޒިފުންގެ މުސާރައަށް އަހަރަކު 14 މިލިއަން ރުފިޔާ އިތުރުވާނެ.
– އަމްރު ވިދާޅުވިއެވެ.
މިނިމަމް ވޭޖް އެންމެ ދަށްކޮށް ދޭން ޖެހޭނީ މަހެއްގެ މައްޗަށް 4500 ރުފިޔާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ އެންމެ ކުދި ފަންތީގެ ވިޔަފާރިތައް ފިޔަވައި ދެން ހުރި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ވިޔަފާރި ތަކުން ދޭން ޖެހޭ މިންވަރެވެ. އަދި މިއީ ކުދި ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ.
މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށް 5700 ރުފިޔާ ކަނޑައެޅި ނަމަވެސް އެ އަދަދު ވަނީ 4500 އަށް ކުޑަކޮށްފައެވެ. މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވީ ބޯޑުން ކަނޑައެޅި އަދަދަށް ކުދި ވިޔަފާރިތަކުން ދޭން ޖެހިއްޖެ ނަމަ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ކައުންސިލުން ލަފާދީފައިވާ މުސާރައާއި ފިކްސްޑް އެލަވަންސް މަހަކަށް 7000 ރުފިޔާ ކަނޑައަޅައިފިނަމަ ސީދާގޮތެއްގައި މިނިމަމް ވޭޖް ދިނުމަށް 162.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. މީގެ އިތުރުން މިނިމަމް ވޭޖާއެކު، މުސާރައިގެ ހަމަހަމަކަން ގެނައުމަށާއި ޕޭ ހާމަނައިޒޭޝަންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި އެއް މަގާމެއްގައ ނުވަތަ އެއް ފަންތިއެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ ހަމަހަމަކަން ގެނައުމުގެ މަސައްކަތް 2022 ވަނަ އަހަރުގައި ތަންފީޒުކުރަން ފެށުމަށް ރާވާފައިވެއެވެ.
މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ