ޒެނިޓް އަތުން މޮޅު ނުވެވުމުން ޗެލްސީ ގްރޫޕްގެ ދެވަނައަށް

ޒެނިޓް އަތުން މޮޅު ނުވެވުމުން ޗެލްސީ ގްރޫޕްގެ ދެވަނައަށް

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ރަޝިއާގެ ޒެނިޓް ޕީޓާސްބާގް އަތުން މޮޅު ނުވެވުމުން ޗެލްސީ ގްރޫޕް އެޗުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ގައި ވާދަކުރަން ޖެހިއްޖެއެވެ.

ޗެލްސީ ރޭ ރަށުން ބޭރުގައި ޒެނިޓާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 2 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ، ޓިމޯ ވާނާއެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި ޒެނިޓުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޒެނިޓަށް ކާމިޔާބުކޮށްދިނީ، ކްލައުޑީނިއޯއެވެ. އަދި ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޒެނިޓުގެ ސަރްދާރް އަޒްމޫން ވަނީ އިތުރު ލަނޑެއް ޖަހާ އެޓީމު ކޮޅަށް މެޗު އަނބުރާލާފައެވެ.

ދެވަނަ ހާފް ފަށައިގެން 62 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ވަނީ ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓުގައި ޓިމޯ ވާނާ ވަނީ ދެވަނަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު 2-3 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ޒެނިޓުން ވަނީ ލަނޑެއް ޖަހާ ޗެލްސީ މޮޅުވިޔަނުދީ ހުއްޓުވާފައެވެ. މި ލަނޑު ޒެނިޓަށް ކާމިޔާބުކޮށްދިނީ، މަގޯމެޑް އޮޒްޑޯއޭވްއެވެ.

މީގެ އިތުުރުން ގްރޫޕް އެޗް ގައި ރޭ ސްވިޑެންގެ މަލްމޯ އަތުން 1-0 އިން ހޯދި މޮޅާއެކު ޔުވެންޓަސް ވަނީ ގްރޫޕް އެޗްގެ އެއްވަނަ ހޯދާފައެވެ. މި މެޗުގައި ޔުވެންޓަސްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މޮއިޒް ކީންއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *