ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގަދަ 16 އިން ޖާގަ ހޯދި އިނގިރޭސި ފުރަތަމަ ޓީމަށް ލިވަޕޫލް ވެއްޖެއެވެ.
ރަށުން ބޭރުގައި އޭސީ މިލާނުގެ ސެން ސީރޯ ދަނޑުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކުރި އިނގިރޭސި ފުރަތަމަ ޓީމުގެ ޝަރަފް ހޯދާފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޭސީ މިލާނުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު މިލާނަށް ކާމިޔާބުކޮށްދިނީ، ފިކާޔޯ ޓޮމޯރީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު އަތުލާފައެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި މާނޭގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ، ޑިވޮކް އޮރީގީއެވެ.
މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގެ އެއްވަނަ ލިވަޕޫލުން ހޯދީ 6 މެޗުން މޮޅުވެގެން ހޯދި 18 ޕޮއިންޓާއެކުއެވެ. ގްރޫޕް ގެ ދެވަނަ އެތުލެޓިކޯއަށް ލިބުނީ 6 މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ. އެތުލެޓިކޯ ވަނީ ރޭ ޕޯޓޯ ބަލިކޮށް ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕުން ތިންވަނައަށް ދިޔައީ ޕޯޓޯއެވެ. އަދި ފުލަށް ދިޔައީ އޭސީ މިލާނެއެވެ.