ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޓޯ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން މުބާރާތުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އެތުލެޓިކޯގެ މުހިއްމު ފޯވާޑް ލުއިސް ސުއަރޭޒްއަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކުރަން ޖެހިފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެތުލެޓިކޯ މެޑްރިޑުންނެވެ. މި ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އެންޓޮއިން ގްރީޒްމަންއެވެ. އެތުލެޓިކޯއިން މި މެޗުގެ ދެން ޖެހި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. އެގޮތުން ލީޑު ފުޅާކޮށްދިން ލަނޑު އެންހެލް ކޮރޭއާ ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ރޮޑްރީގޯ ޑެ ޕޯލްއެވެ. މި މެޗުގައި ޕޯޓޯއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ، ސާޖިއޯ އޮލިވޭރާއެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައި 7 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ ވަނީ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފައެވެ. ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ލިވަޕޫލްއެވެ.