ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް 4 ވުޒަރާއެއް އެއްކޮށްލައިގެން ބަލަހައްޓަން ޖެހުނު ކަމަށާއި، މިހާރު ދެ ވުޒާރާއެއް އެއްކޮށްލައި މަސައްކަތް ކުރަންޖެހުމުން ގޮންޖެހުންތަކެއް ކުރިމަތި ނުވާކަމަށް ޕްލޭނިން އެންޑް ހައިސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް ހަވާލުވެ ހުންނެވި ވުޒާރާގެ މަސައްކަތްތައް ލަސްވެ ނުކުރެވޭ ކަމުގެ ކަންބޮޑުވުން މަޖިލީހުގެ ތަޅުމުގައި މިއަދު ސުވާލު ކުރެއްވި ހުރިހާ މެމްބަރުންވެސް ފާޅުކުރެއްވިއިރު، ވަޒީރު ވަނީ މަސައްކަތްތައް ލަސްވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. ވަޒީރަށް މަސައްކަތް ކުރުމުގައި މިވަގުތު ދިމާވެފައިވާ ގޮންޖެހުމަކީ ދެ ވުޒާރާ އެއްކޮށްލުމުން މަސައްކަތް ބުރަވަނީތޯ މެމްބަރަކު ދެންނެވުމުން އަސްލަމް ވިދާޅުވީ ދެވުޒާރާ އެއްކޮށްލުމަކުން މަސައްކަތަށް އެއްވެސް ވަރަކަށް ގޮންޖެހުން ކުރިމަތި ނުވާކަމަށެވެ.
އަޅުގަނޑަކީ، އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ 4 ވުޒާރާ އެއްކޮށްލުމުންވެސް ބެލެހެއްޓި މީހެއް. އެހެންކަމުން ވުޒާރާތައް އެއްކޮށްލައިގެން އޮތް ގޮންޖެހުމެއްނެތް.
– މުހައްމަދު އަސްލަމް
މިއަދުގެ ޖަލްސާގައި އަސްލަމަށް ވަނީ މެމްބަރުންގެ ނުރުހުން އިންތިހާއަށް ކުރިމަތިވެފައެވެ. އަދި ކުރެވުނު ސުވާލުތަކަށް މިނިސްޓަރ އަސްލަމަށް އެކަށީގެންވާ ޖަވާބެއް ނުދެވި، އަދި ބައެއް ސުވާލުތަކަށް އިތުރުފުޅު ހައްދަވާފައިވާކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް އައްޑޫގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ހިނގަމުންދާކަމަށް ވަޒީރު ވިދާޅުވުމާއި ގުޅިގެން، އައްޑޫއަށް ނިސްބަތްވާ މެމްބަރުން ވަނީ އައްޑޫގައި މިހާރު ހިނގާ ޕްރޮޖެކްޓްތަކުގެ ތަފްސީލް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ވަޒީރު ވިދާޅުވީ މިސުވާލުގެ ޖަވާބުގައި އައްޑޫގެ މެމްބަރުންނަށް އައްޑޫގައި މަސައްކަތް ހިނގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތުގެ ލިސްޓެއް ތާރީހާއިއެކީގައި މެމްބަރުންނަށް އަރުވާނެކަމަށެވެ. މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުންވަނީ ވަޒީރު ނިޒާމުން ބޭރުން މަޖިލީހުގެ އުސޫލަށްވެސް ހުރުމަތްތެރިކޮށް ނުހިއްތަވާކަމަށްބުނެ ވަޒީރަށް ނުރުހުން އަމާޒުކޮށްފައެވެ.
ކޮމެންޓު ފޮނުވާ