ރައީސް ޔާމީން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2021 08:11
0

އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުން ރައީސް ޔާމީނާއި ބައްދަލު ކުރަން ބޭނުންވާކަމަށެވެ. އެދި އެފުރުސަތު ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ހާލު އަހުވާލު ކައިރިން ބެލުމަށް ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

ޝުޖާ ވިދާޅުވީ މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި، އިދިކޮޅުން އިސްވެ ފަށާފައިވާ ހަރަކާތުގެ ދަށުން "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށެވެ. މި ޕެޓިޝަންގައި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ސޮއި ކުރައްވާފައިވާއިރު، މިއަދަދު އިންތުރު ކުރުމަކީ ރައީސް ޔާމީން ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެއްވެއް ޤައުމެއްގެ މިލިޓަރީ ސިފައިން ތިބުމަކީ ރައީސް ޔާމީން ތާއީދު ކުރައްވާ ކަމެއްނޫންކަމަށެވެ. އެއީ ދިވެހި އެއްވެސް ރައްޔިތަކުވެސް ރުހޭނެ ކަމެއްނޫންކަމަށެވެ. އިދިކޮޅު ކޯލިޝަނުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި، މިމަސައްކަތުގައި މިހާރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރައީސް ޔާމީން މިހަރަކާތުގައި ސީދާ ގޮތުން ބައިވެރިވުންކަމަށް ޝުޖާ ވިދާޅުވިއެވެ.

އެންމެ ފަހުން ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ ރާއްޖޭގެ ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން މިހާރުން މިހާރުން ފޭބުމަށް ގޮވާލާފައެވެ. ރާއްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމަކަށްވާއިރު ރާއްޖޭގެ ކަންކަން ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ބޭނުން ނުވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ އަތޮޅު ތެރޭގައި އިންޑިއާ ސިފައިން ބޭލުމާއި ދެކޮޅަށް ހިންގޭ ހަރަކާތްތައްވެސް ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. އަދި މިހަރަކާތަކީ ސީދާ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތީން ޕީޕީއެމްއިން ހިންގާ ހަރަކާތެއްކަމަށް ރައީސް ޔާމީން ވަނީ އެރޭ އިއުލާން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަން އާދަމް
ބުދުދީނުގެ ސިފައިން އިސްލާމުންނައް ހެވެއް ނޭދޭނެ. އެމީހުން ބޭލުމުގެ ފިކުރެއް ދެން ނުހުއްޓުވޭނެ.