ޕެންޑޯރާ ޕޭޕާރސްއަކީ ކޮބާ؟ ރާއްޖެއާއި ގުޅޭގޮތުން ހުރީ ކޮން ވާހަކަތަކެއް؟

ޕެންޑޯރާ ޕޭޕާރސްއަކީ ކޮބާ؟ ރާއްޖެއާއި ގުޅޭގޮތުން ހުރީ ކޮން ވާހަކަތަކެއް؟

ދުނިޔޭގައި މިހާތަނަށް ލީކޮކޮށްލި އެންމެ ބިޔަ، ވިޔަފާރީގެ މުއާމަލާތްތަކާބެހޭ ލިޔެކިޔުންތައް ލީކުކޮށް، ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ބިލިއަނަރުން ސިއްރިޔާތުގައި ނުހައްގުން ހޯދާފައިވާ މުއްސަދިކަމާ ގުޅުންހުރި އެތައް މަޢުލޫމާތެއް ލީކު ކޮށްލާފައިވަނީ ދަ ޕެންޑޯރާ ޕޭޕާރސްއިންނެވެ.

ޕެންޑޯރާ ޕޭޕާރަސްގެ ނަން ދެވިފައިވާ، ލީކު ކޮށްލާފަވާ 12 މިލިއަން ޑޮކިއުމަންޓާއި ފައިލްއިން ވަނީ ދުނިޔޭގެ އެހާރާއި މިހާރުގެ 35 ސިޔާސީ ލީޑަރަކާއި، 300 އަށްވުރެ ގިނަ މަޝްހޫރު މީހަކު ސިއްރިޔާތުގައި އޮފް ޝޯރ ކުންފުނިތައް (ކާކުކަން ނޭގޭގޮތަށް އެމީހަކަށް ނިސްބަތްވާ ފައިސާ ރައްކާކޮށް ދައުރުކު ކުރެވޭ ގޮތަށް ހިންގާ ކުންފުނިތައް) ބޭނުން ކޮށްގެން ނުހައްގުން ހޯދާފައިވާ ފައިސާއާއި، ކޮށްފައިވާ މުއާމަލާތްތަކާ، ހޯދާފައިވާ އެސެޓްތަކާއި ބެހޭ މައުލޫމާތުތައް ފަޅާ އަރުވާލާފައެވެ.

މި ޑޭޓާތައް ހޯދާ، މައުލޫމާތުތައް އެއްކޮށް، އާންމު ކުރުމުގައި މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި ގާއިމްވެފައި ހުންނަ، އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓް (ICIJ) އިންނެވެ. މި ކޮންސޯޓިއަމްގެ ފަރާތުން މިމައުލޫމާތު އެއްކޮށް ޝާއިރު ކުރުމަށްޓަކާ 650 ރިޕޯޓަރުން މަސައްކަތް ކޮށްފައިވާއިރު، މިއީ މިކޮންސޯޓިއަމްއިން މިހާތަނަށް ކޮށްފައިވާ އެންމެ ބިޔަ މަސައްކަތް ކަމުގައިވެސް އެފަރާތުން ބުނެފައި ވެއެވެ.

މިއީ މިހާތަނަށް ދުނިޔޭގައި ހިންގަފައިވާ އެންމެ ބޮޑު މިފަދަ އެއް ދިރާސާ ނުވަތަ ތަހުގީގުވެސްމެއެވެ.

ޕެންޑޯރާ ޕޭޕަރސްއިން ވަނީ އާޒަރުބައިޖާންގެ މައްސަދިކަން ނުހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހަމަތު އެތައް ބަޔަކު ކުރަމުންދާ އެގައުމުގެ ރައީސް އިލްހާމް އަލިޔެވް (މެދުގައި) އާއި ގުޅުންހުރި މައުލޫމާތުވެސް ހާމަ ކޮށްފަ

ޕެންޑޯރާ ޕޭޕާރސްއިން އެންމެ ފަހުން ލީކު ކޮށްލި ސިއްރު މައުލޫމާތުތަކުގެ ތެރޭގައި، 2015ވަނަ އަހަރު ބީލަމަކާ ނުލާ ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ފުށްގިރި ރަށް ދޫކުރުމުގައި ހިގާފައިވާކަމަށް ބުނާ ކޮރަޕްޝަންގެ ސިއްރު މައުލޫމާތުގެ އިތުރުން މާލެއިން ދެކުނުގެ އަތޮޅަކުން ދޫކުރި ފަޅެއް ދޫކުރުމަށް ހިންގާފައިވާ ކަމަށްބުނާ ސިއްރު ޑިލަކާއި ގުޅުން ހުރި ސިއްރު އެހެންނަމަވެސް ތަފްސީލީ މައުލޫމާތުތައް ހިމެނެއެވެ.

 

ޕެންޑޯރާ ޕޭޕާރސްގައި ހާމަ ކޮށްފައިވާ ރާއްޖެއާއި ގުޅުންހުރި ސިއްރު މައުލޫމާތުގެ ތަފްސީލު

ޕެންޑޯރާ ޕޭޕާރސްގައި ވާގޮތުން، ފުއްގިރި ބީލަމަކާ ނުލާ ކުއްޔަށް ދޫކުރުމުގައި، އިންޑިއާގެ ނުފޫޒުގަދަ ޕްރޮޕަރޓީ ޑިވެލޮޕަރަކާއި ގުޅުންހުރި ވިޔަފާރިވެރިން ކުރީގެ ރައީސް އަބުދުއްﷲ ޔާމީނަށް ރިޝްވަތު ދީފައި ވެއެވެ.

މިގޮތުން ލީކު ކޮށްލާފައިވާ، ސިއްރު މައުލޫމާތުކަމަށް ޕެންޑޯރާ ޕޭޕާރސްގައި ބުނެފައިވަނީ، ފުއްގިރި ކުއްޔަށް ދީފައިވަނީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު، 1.55 މިލިއަން ޑޮލަރަށް ދުބާއީގައި ގާއިމްވެފައިވާ ކުންފުންޏެއް ކަމުގައިވާ "ކްލެސިކް ސިޓީ އައިލޭންޑް ހޯލްޑިންސް އެލްޓޑީ"އަށެވެ. އަދި ފަހުން ކުރެވިފައިވާ މިނިވަން އޮޑިޓްތަކުން މި ޑީލްއަކީ ސައްޙަ ޑީލެއް ނޫން ކަމުގައި ނިންމާފައި ވާކަމަސްވެސް ހާމަ ކޮށްފައިވާ މައުލޫމާތުތަކުގައި ވެއެވެ.

އާންމު ކޮށްފައިވާ ސިއްރު މައުލޫމާތުގައި ވާގޮތުން، އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓް (ICIJ)ގެ ރިޕޯޓަރުންނަށް ލިބިފައިވާ މައުލޫމާތުތަކުން އެގެން އިން ގޮތުގައި، ކްލެސިކް ސިޓީ ކުންފުންޏަކީ، އިންޑިއާގެ ހުޅަގުގެ ސިޓީއެއް ކަމުގައިވާ ޕޫނޭގެ ނުފޫޒުގަދަ ޑިވެލޮޕަރެއް ކަމުގައިވާ އަވިނާޝް ބޮސޭލްގެ އާއީލީ ވިޔަފާރީގެ ހިއްސާގެ އިތުރުން، އިތުރު އެހެން ވިޔަފާރި ވެރިއެއް ކަމުގައިވާ، ލޮޖިސްޓިކްސްގެ ދާއިރާގައި މަސައްކަތް ކުރާ އަމިޓް ކުމާރު ގާނދީގެ ހިއްސާވެސް އޮންނަ ކުންފުންޏެކެވެ. އަދި ރެކޯޑްތައް ދައްކާ ގޮތުން، ބޮސޭލްގެ އާއިލާއިން މި ކުންފުނީގައި %50 ޙިއްސާ އޮންނައިރު، މި ވެންޗަރއަށް 8.5 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވެއެވެ.

ބޮސޭލްގެ އާއިލީ ވިޔަފާރިއަކީ، އިންޑިއާގެ އެތައް ހިސާބެއްގައި ލަގްޒަރީ (މަތީ ފެންވަރުގެ) ހޮޓެލްތަކަށް އިންވެސްޓް ކޮށްފައިވާ އަދި، އެމެރިކާގެ ވައިޓް ހައުސްއާއެއް އެއް މޮޑެލްއަކަށް ހަދާފައިވާ "އަވިނާޝް ބޮސޭލް ޕެލަސް"ގެ ނަންދެވިފައިވާ ގަނޑުވަރެއްގައި ދިރިއުޅެމުންދާ އާއިލާއެކެވެ.

ބުނެވޭ ގޮތުގައި، 2018ވަނަ އަހަރު މި އާއިލީ ވިޔަފާރިން ވަނީ، އިނގިރޭސިވިލާތުގެ ޓްރަފެލްގަރ ސްކުއަރއިން، ފަސްތަރީގެ ހޮޓަލަކަށް ބަދަލު ކުރުމަށްޓަކާ، 100 މިލިއަން ބްރިޓިޝް ޕައުންޑަށް (133 މިލިއަން އެމެރިކާ ޑޮލަރަށް) ބިލްޑިންގއެއް ގަނެފައެވެ.

ޕެންޑޯރާ ޕޭޕާރސްއިން ހާމަ ކޮށްފައިވާ ގޮތުގައި، އަވިނާޝް އާއި އަމިޓް ބޯސޭލްއާއި ދެމީހުން، ދުބާއީގައިވާ މި އާއިލާގެ އިންވެސްޓްމަންޓްތައް ބޭނުން ކޮށްގެން މަނީ ލޯންޑަރކޮށްފައިވާ ކަމުގެ ތުހުމަތުގައި، އިންޑިއާގެ ފޮރިންގ އެކްޗޭންޖް ގާނޫނާއި ޚިލާފް ވެފައިވާތީ، ދެމީހުންގެ މައްޗަށްވެސް ވަކި ދެމައްސަލާއިގެ ގޮތުގައި ވަނީ ތަހުގީގް ހިންގިފައެވެ.

ޕެންޑޯރާ ޕޭޕާރސްގައި ބުނެފައިވާ ގޮތުން، ރައީސް ޔާމިންގެ ވެރިކަމުގައި އެތައް ރަށެއް، ސިއްރު ޑީލްތަކުގެ ދަށުން، ގާނޫނާ ޚިލާފަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާއިރު، ކުރީގެ ރައީސާއި ސީދާ ގުޅުވާލެވެނީ މީގެތެރެއިން މަދު ރަށްތަކަކާއިއެވެ. މީގެތެރޭގައި ހިމެނޭ އެއް ރަށަކީ ފުއްގިރިކަމުގައި، ހާމަކޮށްފައިވާ ތަހުގީގީ ސިއްރު މައުލުމާތުތަކުގައި ބުނެފައި ވެއެވެ. އަދި، ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީނަށް 1.1 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ކޮރަޕްޝަންގެ ގޮތުގައި ލިބިފައިވާކަމަށް ޕްރޮސެކިއުޓަރުން ތުހުމަތު ކޮށްފައިވާކަމަށްވެސް ބުނެފައި ވެއެވެ.

އަދި މި މައުލޫމާތުތަކުގައި ވާގޮތުން، މި ރިޝްވަތުގެ ފައިސާ ދީފައިވަނީ، ކޮން ކުންފުންޏެއްކަން އެގިފައި ނުވާ، ބްރިޓިޝް ވާރޖިން އައިލޭންޑްސް ކުންފުންޏަކާއި، އޭއެންޑްއޭ ހޯލްޑިންގްސް ގުރޫޕު އެލްޓީޑީއިން، ކުރީގެ ރައީސް ޔާމިންގެ ގާތް ފަރާތެއް މެދުވެރިކޮށް ރައީސް ޔާމިނަށް ކަމަށް ބުނެފައި ވެއެވެ.

އަދި މީގެ އިތުރުން ޕެންޑޯރާ ޕޭޕާރސްއިން ވަނީ އޭއެންޑްއޭ ހޯލްޑިންގްސް ގުރޫޕު އެލްޓީޑީގެ އަސްލު ވެރީންވެސް ހާމަ ކޮށްފައެވެ. މިގޮތުން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން، އޭއެންޑްއޭ ހޯލްޑިންގްސް ގުރޫޕު އެލްޓީޑީގެ ވެރިންނަކީ، އަމިޓް ކުމާރު ގާނދީއާއި، އޭނާގެ ބޭބެ އަވިނާޝް ކުމާރު ގާނދީއެވެ.

ޕެންޑޯރާ ޕޭޕާރސްގެ މައުލޫމާތު އާންމު ކޮށްފައިވާ އޯގަނައިޒްޑް ކްރައިމް އެންޑް ކޯރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް (OCCRP)ގައި ވާގޮތުން، އެފަރާތުން މި ސިއްރު މައުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމަށް ގާނދީ އާއިލީ ވިޔަފާރި ވެރިންނާއި އަދި ބޯސޭލްގެ ވިޔަފާރީގެ އާއިލީ މެމްބަރުންނަށް އީމެއިލް މެދުވެރިކޮށް ކޮށްފައިވާ ސުވާލުތަކަށް އެފަރާތްތަކުން ޖަވާބު ދީފައެއް ނުވެއެވެ. އަދި މި މައުލުމާތުތަކާ ގުޅޭގޮތުން ކޮމެންޓެއް ހޯދުމަށް ކޮށްފައިވާ މަސައްކަތަކަށް ރައީސް ޔާމީންވެސް އިޖާބަ ދެއްވާފައި ނުވާކަމަށްވެސް ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވެއެވެ.

 

ރިސޯޓު ހެދުމަށް ދޫކުރެވުނު ފަޅެއްގެ ސިއްރު ޑީލް

ޕެންޑޯރާ ޕޭޕާރސްއިން އިތުރަށް ހާމަ ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ، 2015ގައި ހިންގާފައިވާ، ރިސޯޓު ހެދުމަށް ރާއްޖޭގެ ފަޅެއް ދޫކުރުމުގެ ސިއްރު ޑީލެއްގައި، ރަޝިއާގެ ރައީސް ޕުޓިންގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ކިރިލް އެންޑްރޮސޯވް ޝާމިލްވެފައިވާ ކަމަށެވެ. އަދި މިމައުލޫމާތުތަކުގައި ވާގޮތުން މި ޑީލްގައި އެންޑްރޮސޯވްގެ ފަހަތުގައި ހުރީ އެވްގެނީ ނޮވިޓްސްކީ ނަމަކަށް ކިޔާ ރަޝިއާގެ ވިޔަފާރިވެރިއެއް ކަމުގައެވެ. އަދި އޭނާއަކީ މާފިއާއާއި ގުޅުން އޮންނަކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މީހެއްކަންވެސް ހާމަ ކޮށްފައި ވެއެވެ.

ރަޝިއާގެ ރައީސް ޕުޓިންގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ކިރިލް އެންޑްރޮސޯވް

މި މައުލުމާތުގައި ވާގޮތުން، އެވްގެނީ ނޮވިޓްސްކީ ފަންޑު ކޮށްގެން ހަދާފައިވާ ވެންޗަރ ފަންޑަކުން ވަނީ، 2015ގައި ރާއްޖޭގެ ފަޅެއްގައި ރިސޯޓެއް ތަރައްގީކުރުމަށް ޚަރަދު ކޮށްފައެވެ. ޕެންޑޯރާ ޕޭޕާރސްއިން އާންމު ވެފައިވާ ކަމަށް ބުނެފައިވާ މި މައުލޫމާތުގައި ވާގޮތުން، އެވްގެނީ ނޮވިޓްސްކީއަކީ، ރަޝިއާގެ ސޯލްންޓްސެވޯ ކްރައިމް ގުރޫޕަށް ނިސްބަތްވާ މަޝްހޫރު މީހެކެވެ. އަދި މި ވެންޗަރ ފަންޑް ހިންގާ ބަލަހައްޓާފައިވަނީ، ޕުޓިންގެ މުޝީރެއް ކަމުގައިވާ ކިރިލް އެންޑްރޮސޯވް (ޕުޓިންގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް)އެވެ.

އެހެންނަމަވެސް ނޮވިޓްސްކީ، މި ތުހުމަތުތަކާ ދެކޮޅު ހަދާފައިވާ ކަމަށްވެސް އާންމު ކޮށްފައިވާ މައުލުމާތުގައި ބުނެފައި ވެއެވެ.

މާފިއާއާއި ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ، ރަޝިއާގެ ވިޔަފާރު ވެރިއާ އެވްގެނީ ނޮވިޓްސްކީ

އޯގަނައިޒްޑް ކްރައިމް އެންޑް ކޯރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް (OCCRP)އިން ހާމަ ކޮށްފައިވާ ގޮތުގައި، އެފަރާތަށް އެގިފައވާ ގޮތުގައި، މި ޑީލްގެ ދަށުން ދޫކޮށްފައިވާ މި ފަޅަކީ ވެރިރަށް މާލޭގެ ދެކުނުގައި އޮންނަ އަތޮޅެއްގެ ފަޅެކެވެ. އަދި މި ފަޅު ކުއްޔަށް ދޫކޮށްފައިވަނީ، 2.5 މިލިއަން ޑޮލަރަށް، ބްރިޓިޝް ވާޖިން އައިލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ޑެޕެޒަރ ސާވިސް ލިމިޓެޑަށެވެ. މި ކުންފުންޏަކީ، ތުރުކީގެ ދެ ވިޔަފާރި ވެރިއެއްގެ %50 ހިއްސާ އޮންނަ ކުންފުންޏެކެވެ.

މިއީ ކޮންސްޓްރަކްޝަންގެ ދައިރާގެ ނުފޫޒުގަދަ ވިޔަފާރަ ވެރިން ކަމަށްވާ، ޓުފާން އައިޓެކިން ގުލްޓެކިންއާއި ފައްތާހު ޓަމިންސް ނަމަކަށް ކިޔާ ދެމީހެކެވެ. މި ދެވިޔަފާރި ވެރިންނަކީ، ރިޒޮސް ހޮޓެލް ޗެއިންގެ ބާނީންނެވެ.

އެހެންނަވެސް، މި ޑީލް ހެދިގެން ދިޔައިރު، ޑެޕެޒަރ ސާވިސް ލިމިޓެޑު ކުންފުނީގެ އަނެއް %50 ހިއްސާ ދާރުންނަކީ ކޮން ބައެއްކަމެއް އެގިފައި ނުވާކަމަށްވެސް އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް، ޕެންޑޯރާ ޕޭޕާރސްއިން އެގެން އިން ގޮތުގައި، ޑެޕެޒަރ ސާވިސް ލިމިޓެޑްގެ އަނެއް %50 ހިއްސާ މިހާރު އޮންނަނީ ސިންގަޕޯރގައި ގާއިމްވެފައިވާ ޕްރައިވެޓް އިކުއިޓީ ފަންޑެއް ކަމަށްވާ ލަންގ ކެޕިޓަލް ފަންޑުގަވެ. އަދި މި ފަންޑު އުފައްދާފައިވަނީ، ނޮވިޓްސްކީ ކަމާށާއި އަދި ފަންޑު ހިންގާދީފައިވަނީ އެންޑްރޯސޯވް ކަމަށް އެގިފައިވާ ކަމަށްވެސް އާންމު ކޮށްފައިވާ ސިއްރު މައުލޫމާތުގައި ބަޔާން ކޮށްފައި ވެއެވެ.

އާންމު ކޮށްފައިފާ ސިއްރު މައުލޫމާތުގައި ބުނެފައިވަނީ މި މައުލޫމާތު ލިބިފައިވަނީ، އޭޝިއާސިޓީ ޓްރަސްޓުއިން ލިބިފައިވާ ފައިލްތަކުންނެވެ. އޭޝިއާސިޓީ ޓްރަސްޓަކީ، އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓް (ICIJ)އަށް ލިބިފައިވާ، ލީކް ކޮށްލާފައިވާ އޮފްޝޯ ޚިދުމަތްދޭ 14 ފަރާތެއްގެ ތެރޭގައި ހިމެނޭ އެއްފަރާތް ކަމުގައިވެސް ބުނެފައި ވެއެވެ.

އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓް (ICIJ)އަކީ ދުނިޔޭގެ 600 ނޫސްވެރިންގެ މައްޗަށް އެކުލެވޭ ކޮންސޯޓިއަމް އަކަށް ވާއިރު، މީގެ ތެރޭގައި އޯގަނައިޒްޑް ކްރައިމް އެންޑް ކޯރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް (OCCRP)ގެ ޖާނަލިސްޓުންވެސް ހިމެނެއެވެ.

މި ފަރާތްތަކުން ދަނީ ޕެންޑޯރާ ޕޭޕާރސް ގައި ހުރި މައުލޫމާތުތައް ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާންމު ކުރަމުންނެވެ.

 

ދުނިޔޭގެ އެތައް ލީޑަރުން ސިއްރުން ހޯދާފައިވާ މުއްސަދިކަމާ ގުޅުން ހުރި މައުލުމާތު ވަނީ ލީކު ކޮށްލާފަ

ދުނިޔޭގެ އެހާރާއި މިހާރުގެ 35 ސިޔާސީ ލީޑަރަކާއި، 300 އަށްވުރެ ގިނަ، މަޝްހޫރު މީހަކު ސިއްރިޔާތުގައި އޮފް ޝޯރ ކުންފުނިތައް (ކާކުކަން ނޭގޭގޮތަށް އެމީހަކަށް ނިސްބަތްވާ ފައިސާ ރައްކާކޮށް ދައުރުކު ކުރެވޭ ގޮތަށް ހިންގާ ކުންފުނިތައް) ބޭނުން ކޮށްގެން ނުހައްގުން ހޯދާފައިވާ ފައިސާއާއި، ކޮށްފައިވާ މުއާމަލާތްތަކާ، ހޯދާފައިވާ އެސެޓްތަކާއި ބެހޭ ގިނަ މައުލޫމާތުތައް ޕެންޑޯރާ ޕޭޕާރސް އިން ވަނީ ފަޅާ އަރުވާލާފައެވެ.

މީގެތެރޭގައި އުރުދުންގެ ރަސްގެފާނު ފާއިތުވެދިޔަ މުއްދަތުގައި އެމެރިކާއާއި އިނގިރޭސިވިލާތުގައި ހޯދާ ޖަމާކޮށްފައިވާ 70 މިލިއަން ޑޮލަރުގެ ޕްރޮޕަޓީތައްވެސް ހިމެނެއެވެ.

އެމެރިލާގެ ކެލިފޯނިއާގެ ބީޗް ސިޓީއެއްކަމުގައިވާ މަލިބުއިން ރަސްގެފާނު އަބުދުﷲ ބައްލަވައިގެންފައިވާ ގަޑުވަރު

އަދި މީގެ އިތުރުން މީގެތެރޭގައި، އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރއާއި އޭނާގެ އަނބިކަބަލުން އިނގިރޭސިވިލާތުގެ ލަންޑަނުން ގެއެއް ބައްލަވައިގެންނެވިއިރު، ސްޓޭމްޕްގެ ޑިއުޓީއިން ހޯދި 312,000 ޕައުންޑްގެ ފައިދާ ރައްކާ ކޮށްފައިވާ ގޮތުގެ ތަފްސީލުވެސް ހިމެނެއެވެ.

މި ދެމަފިރިން، ވަނީ ދެމަފިރިން ބައްލަވައިގެންނެވި މިގޭގެ މިލްކުވެރިކަން އޮފްޝޯ ކުންފުންޏެއް މެދުވެރިކޮށް ބައްލަވައިގެންފައެވެ.

ޕެންޑޯރާ ޕޭޕާރަސްގެ ނަމުގައި ލީކު ކޮށްލާފައިވާ އެތައް މިލިއަން މައުލޫމާތުތަކުގެ ތެރޭގައި، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން ސިއްރިއާތުގައި ހޯދާފައިވާ، މޮނާކޯގައިވާ އެސެޓްތަކާއި، ޗެކް ރިޕަބްލިކް ބޮޑުވަޒީރު އަންދްރެޖް ބަބިސް، އޮފްޝޯ ކުންފުންޏެއް ބޭނުންކޮށްގެން، ފްރާންސްގެ ދެކުނުން 12 މިލިއަން ޑޮލަރަށް ބައްލަވައިގެންފައިވާ 2 ވިލާގެ މައުލޫމާތުވެސް ހިމެނެއެވެ. އަންދްރެޖް ބަބިސް ވަނީ މި އޮފްޝޯކުންފުނީގެ މައުލޫމާތު ކަމާ ގުޅުންހުރި މުވައްސަސާތަކަށް މީގެކުރިން ދެއްވަން ދެކޮޅު ހައްދަވާފައެވެ.

މިމައުލޫމާތުތައް އެއްކޮށް، އާންމު ކުރުމުގައި މަސައްކަތް ކޮށްފައިވާ އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓް (ICIJ) ގެ ފަރާތުން މިމައުލޫމާތު އެއްކޮށް ޝާއިރު ކުރުމަށްޓަކާ 650 ރިޕޯޓަރުން މަސައްކަތް ކޮށްފައިވާއިރު، މިއީ މިކޮންސޯޓިއަމްއިން މިހާތަނަށް ކޮށްފައިވާ އެންމެ ބިޔަ މަސައްކަތް ކަމުގައިވެސް އެފަރާތުން ބުނެފައި ވެއެވެ.

މިގޮތުން ލީކު ކޮށްލާފައިވާ ސިއްރު މައުލުމާތުތައް އެކުލަވާލާ އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓްއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އާޒަރުބައިޖާންގެ މުއްސަދިކަން ނުހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހަމަތު އެތައް ބަޔަކު ކުރަމުންދާ އެގައުމުގެ ރައީސް އިލްހާމް އަލިޔެވްއާއި އޭނާގެ އާއިލާއިން ސިއްރުންހޯދާފައިވާ މުއްސަދިކަމުގެ މައުލުމާތުވެސް ހިމެނެއެވެ.

މިގޮތުން އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސް ކޮށްފައިވާ ތަހުގީގުތަކުން ދައްކާ ގޮތުގައި އަލިޔެވް އާއި އޭނާގެ ގާތް ފަރާތްތަކުން، އިނގިރޭސިވިލާތުގެ 400 މިލިއަން ޑޮލަރު އަގުހުރި އެސެޓްތަކުގެ މުޢާމަލާތް ކޮށްފައި ވެއެވެ.

ޕެންޑޯރާ ޕޭޕާރަސްއިން އާންމު ވެގެން ގޮސްފައިވާ، ސިއްރުން މުއްސަދިކަން ހޯދާފައިވާ ދުނިޔޭގެ އެހެން ބައެއް ލީޑަރުންނަކީ:

  • ކެންޔާގެ ރައީސް އުހުރު ކެންޔައްޓާ އާއި އޭނާގެ އާއިލާގެ އިތުރު 6 މެމްބަރަކުވަނީ ސިއްރު އޮފްޝޯ ކުންފުނިތަކުގެ ނެޓްވާކެއް އަމިއްލަ ކޮށްފައެވެ. މީގެ ތެރޭގައި މި ހުރިހާ އެންމެންނަށް ނިސްބަތްވާ 11 ކުންފުނި ވާއިރު، މީގެ ތެރެއިން އެއް ކުންފުންޏަކީ 30 މިލިއަން ޑޮލަރުގެ އެސެޓް ހުރި ކުންފުންޏެކެވެ.
  • ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާޚާންއާއި، އެނާގެ އެންމެ އަރިސް މީހުންގެ އިތުރުން އޭނާގެ ކެބިނެޓްގެ ވަޒީރުންނާއި އަދި ވަޒީރުންގެ އާއިލާގެ ފަރާތްތަކުން ވަނީ އެތައް މިލިއަން ޑޮލަރެއްގެ އެސެޓްތައް ހުރި ސިއްރު އޮފްޝޯ ކުންފުނިތަކާއި އަދި ޓަރްސްޓްތައް އަމިއްލަ ކޮށްފައެވެ.
  • ސައިޕްރަސްގެ ރައީސް ނިކޮސް އަނަސްޓޭސިއާޑްސް އުފައްދާފައިވާ ލޯ ފާމަކުން ވަނީ އެތައް އޮފްޝޯ ކުންފުންޏެއްގެ ހަގީގީ ވެރިފަރާތްތައް އޮޅުވާލުމުގެ ގޮތުން، އެކުންފުނި ތަކުގެ ވެރިފަރާތްތަކުގެ ގޮތުގައި، ފޭކް ވެރިފަރާތްތަކަކަށް ގާނޫނީ ސައްޙަކަން ފުރިހަމަ ކޮށްދީފައެވެ. ރަޝިއާގެ ކުރީގެ ސިޔާސީ ފަރާތެއް ކަމުގައިވާ، ސައިޕްރަސްގެ މިހާރު ރައީސްގެ މައްޗަށް އެގައުމުގެ މުއްސަދިކަމުގެ ނާޖާއިޒު ފާއިދާ ނަގަމުންދާ ކަމުގެ އެތައް ތުހުމަތެއް ދަނީ ކުރެވެމުންނެވެ. އެހެންނަމަވެސް، އޭނާގެ ލޯ ފާމުންވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
  • ޔޫކްރެއިންގެ ރައީސް ލޮޑިމީރު ޒެލެންސްކީ ވަނީ 2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރުމުގެ ކުޑަ ދުވަސްކޮށްޅެއް ކުރިން އޭނާގެ މިލްކިއްޔާތުގައި ހުރި މުއްސަދިކަން ސިއްރު އޮފްޝޯ ކުންފުންޏަކަށް ބަދަލު ކޮށްފައެވެ.
  • ބޭންކުގައި ކުރިން މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމުގައި އިކުއަޑޯރގެ މިހާރުގެ ރައީސް ގިލަމޯރ ލައްސޯވަނީ، އޭނާގެ އާއިލާގެ އެތައް ބަޔަކަށް ކޮންމެ މަހަކުވެސް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުން ދިޔަ ޕެނަމޭނިއަން ފައުންޑޭޝަން، އެމެރިކާގެ ސައުތު ޑަކޯޓާގައި ގާއިމް ކޮށްފައި ހުންނަ ޓްރަސްޓަކަށް ބަދަލު ކޮށްފައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *