ދިވެހި ސިފައިންނާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާ ފައުޖު މިއަދުގެ ވަގުތެއްގައި ރާއްޖެ އައީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް އެކުވެރިން" ތަމްރީނަށެވެ. މި ތަމްރީން ޕްރޮގްރާމްތައް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަ ޓެރަރިޒަމް ފަދަ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ތަމްރީނެއް ކަމަށްވެއެވެ.
ރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ރާއްޖޭގައި ކުރިއަށް ގެންދިޔައެވެ. މި ތަމްރީން ޕްރޮގްރާމުގެ މައުލޫމާތު އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ދިވެހި އަސްކަރިއްޔާ އިން އަދި މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވއެވެ.
މި ތަމްރީން ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓު ފޮނުވާ