ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރުން މަނާކޮށް ކުރިމިނަލް ކޯޓުން ފުލުހުން ޢަމުރެއް ހޯދާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިސް (އޭޖީ)އިން އެދިގެންކަމަށް އެ އޮފީހުން ބުނެފިއެވެ.
ރައީސް ޔާމީން ފުރުން މަނާކޮށް ކުރިމިނަލް ކޯޓުން އަމުރު ނެރުނީ އިއްޔެއެވެ. އެ އަމުރު ނެރެ ދީފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންނަށް ޕީޖީން ލަފާދީފައިވާނީ އެފަދަ އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީކަމަށެވެ. ޕީޖީ އޮފީހުން ބުނީ ރައީސް ޔާމީން ފުރުން މަނާކުރުމުގެ ޢަމުރެއް ނެރުމަށް އެދުނީ ރ.ފުއްގިރީގެ މައްސަލާގަކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލު ކުރުމާއެކު ޔާމީން ވަނީ މިނިވަންވެ އެމަނިކުފާނު ސިޔާސީ ހަރަކާތްތަކާވެސް ވަނީ އަލުން ގުޅިވަޑައިގެންފައެވެ. ނަމަވެސް ރައީސް ޔާމީންއާބެހޭ ބަޔެއް ތަހުގީގުތައް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ.
އެގޮތުން ރ.ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެމައްޗަށް މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވަފައިވާ ހުކުމް ބާތިލްކޮށް މިއަދު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ހުކުމް ބާތިލްކުރި ކަމުގައިވި ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ހަގީގަތް ހޯދުމަށް އެމައްސަލަ އަލުން ތަހުގީގް ކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވަ ކަމުގައެވެ.