މަދަނީ މައްސަލަތަކުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ މަދަނީ އިޖްރައަތުގެ ބިލު މިއަދު މަޖިލީހުން ފާސްކުރުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަގީންކަން ލިބިގެންދާނެކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
177 ޞަފްހާގެ 400 އަށްވުރެ ގިނަ މާއްދާ ހިމެނޭ މަދަނީ އިޖްރާއަތުގެ ބިލު މަޖިލީހުން ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސް ވުމާއި ގުޅިގެން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިބިލް ފާސްވެގެން ދިޔަކަމީ ނުހަނު އުފާ ކުރައްވާ ކަމެއްކަމަށެވެ. އަދި މިބިލާއިއެކު މިހާރު މައްސަލަތައް ލަސްވުމުގައި ދިމާވާ ކަންކަން ހައްލުވެ، މައްސަލަތަކުގެ އިޖުރާއަތުގެ ޔަގީންކަން ކަށަވަރު ވެގެންދާނެކަމަށެވެ.
މަދަނީ އިޖުރާއަތުގެބިލު ފާސްވުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަޤީންކަން ލިބޭނެ. ޢިއްތިފާޤުން ބިލު ފާސްކޮށްދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، ޢިއްޒަތްތެރި މެންބަރުން ޚާއްޞަކޮށް ޖުޑީޝިއަރީކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ އަށް ޝުކުރު އަދާކުރަން.
– ރިއްފަތު ވިދާޅުވިއެވެ.
މި ބިލުގައި ހިމެނޭ މުހިންމު އެއްކަމަކީ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅުމެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި 6 އަހަރު ތެރޭގައި ދައުވާ ކުރަން ޖެހޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ. މީގެ އިތުރުން ވަޒީފާގެ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރި ތާރީޚެއް ނުވަތަ ވަޒީފާއާ ގުޅޭ މައްސަލައެއް އުފަންވި ތާރީޚުން ފެށިގެން 3 މަސްދުވަސް ނުވަނީސް ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތަކުގައި މިލްކުވެރިކަން ފުރަތަމަ ބަދަލުކުރި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މައްސަލާގައި ދައުވާކުރަން ޖެހޭނެކަމަށާ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި އެ ކަމެއް ހިނގި ތާރީޚުން ފެށިގެން އެއް އަހަރު ވުމުގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.
އަދި އިހުމާލެއްގެ ސަބަބުން ހަށިގަނޑަށް އަނިޔާއެއް ލިބިގެން އޭގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި، އެ އަނިޔާއެއް ހަށިގަނޑަށް ލިބެން ފެށި ތާރީޚުން ފެށިގެން ތިން އަހަރު ދުވަސް ވުމުގެ ކުރިން މައްސަލަ ހުށައަޅަންޖެހޭނެކަމަށާއި، އެފަދަ ފަރާތެއް މަރުވެއްޖެނަަމަ، މަރުވި މީހާގެ ވާރިސުންގެ ފަރާތުން އެމީހަކު މަރުވި ތާރީޚުން ނުވަތަ މަރުވިކަން އާއިލާއަށް އެނގޭ ތާރީޚުން ފެށިގެން، 3 އަހަރު ވުމުގެ ކުރިން މައްސަލަ ހުށައަޅަންޖެހޭނެކަމަށްވެސް މަދަނީ އިޖްރާޢަތުގެ ބިލުގައި ބަޔާންކުރެއެވެ.
މީގެ އިތުރުން ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން މިހާރު ވެސް އޮންނަ ފަދަ ޑިސްޕިއުޓް ރިޒޮލިއުޝަން ފަދަ ނިޒާމެއްވެސް މި ބިލުގައި ބަޔާންކުރެއެވެ. ޝަރީއަތުގެ މަރުހަލާގައި ހިނގާ ޚަރަދުތަކަށް މައްސަލާގައި ހިމެނޭ ފަރާތްތައް ޒިންމާ ކުރުވުމަކީވެސް މި ބިލުން މަދަނީ އަދުލުގެ ނިޒާމަށް އަލަށް ތަޢާރަފްކުރާ ކަމެކެވެ.
މަޖިލީހުން ފާސްކުރި މަދަނީ އިޖްރާއަތުގެ ބިލުގައި ކޮޓުގައި ދައުވާކުރުމަށްފަހު، އެދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އަލުން އެ ފަރާތަކާ ދެކޮޅަށް އެ ދައުވާއެއް ކުރެވޭނީ ފުރަތަމަ އެ ދައުވާއެއް ކުރި ކޯޓަށް މައްސަލަ ހުށަހަޅައި، އަދި ކުރިން އެ މައްސަލަ ބެލި ފަނޑިޔާރުގެ ހުއްދައެއް ލިބިގެން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ އެއީ މިވަގުތު ރާއްޖެއަށް ވަރަސް މުހިންމު ޤާނޫނެއްކަމަށް ބަންޑާރަ ނާއިބު ވިދާޅުވެފައިވެއެވެ.