ޔުނައިޓެޑް އަތުން ބަލިނުވެ ޗެލްސީ ސަލާމަތްވެއްޖެ

ޔުނައިޓެޑް އަތުން ބަލިނުވެ ޗެލްސީ ސަލާމަތްވެއްޖެ

Author
ޔޫސުފް
29 ނޮވެމްބަރ 2021 10:52
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވާން ދަނިކޮށް ޖޯޖީނިއޯ ކާމިޔާބުކޮށްދިން ޕެނަލްޓީން ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި ނަތީޖާއާ އެކު ޕްރިމިއާ ލީގުގައި ޔުނައިޓެޑް އަތުން ޗެލްސީއަށް މޮޅެއް ނުލިބި 8 މެޗު ހަމަވީއެވެ.

މި މެޗަށް ޔުނައިޓެޑުން ނުކުތީ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. ރޮނާލްޑޯގެ ބަދަލުގައި ޔުނައިޓެޑުގެ ވަގުތީ ކޯޗު މައިކަލް ކެރިކްގެ ފުރަތަމަ 11 އިން ފުރުޞަތު ދިނީ ސަންޗޯއަށެވެ. ރޮނާލްޑޯ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައި ސަންޗޯގެ ބަދަލުގައެވެ. މި މެޗަކީ އޮލެ ގުނަ ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކިކުރިފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެއެވެ. އަދި ކެރިކް ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ކޯޗުކަން ކޮށްދިން ފުރަތަމަ މެޗުވެސްމެއެވެ.

ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ފަށައިގެން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކީ ޗެލްސީންނެވެ. އެގޮތުން ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުޞަތުތައްވެސް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފް ފަށައިގެން ވަރަށް ކުރީކޮޅު ކަލުމް ހަޑްސަން-އޮޑޯއި ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރ ޑެހެއާގެ ފައިގައި ޖެހިފައި ދިޔައީ ކޯނަރަކަށް ބޭރަށެވެ. އަދި އޭގެ ފަހުން އެންޓޯނިއޯ ރޫޑިގާ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން ޖޯޖީނިއޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ، ސަންޗޯއެވެ. މިއީ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ސަންޗޯ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ. ޔުނައިޓެޑުން ލަނޑު ޖަހާ ލީޑު ނެގިފަހުން ޗެލްސީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. ޗެލްސީން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ، ޔުނައިޓެޑުގެ އާރޮން ވަން-ބިސާކާ ޗެލްސީގެ ތިއާގޯ ސިލްވާއަށް އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އާއި ހިސާބުންނެވެ. ޗެލްސީގެ ކެޕްޓަން ޖޯޖީނިއޯ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ 1 ވަނައިގައި ޗެލްސީ އޮތީ ކުޅުނު 13 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް އޮތީ 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު 8 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.