ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުންވެސް ވަނީ މުއްދަތު ޖަހައިދީފައެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝަންއަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ ރަބީއުﷲ ނަމަކަށްކިޔާ މީހަކާއި، ޢުމުރުން 31 އަހަރުގެ މުޙައްމަދު ފިރުދައުސް ނަމަކަށްކިޔާ މީހެކެވެ.
މީގެތެރެއިން ރަބީއުﷲއަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. އަދި ފުލުހުން ވަނީ އެ ތުހުމަތުތަކާއި ގުޅިގެން ބައެއް ހެކިވެސް ކޯޓަށް ހުށައަޅާފައެވެ. ކޯޓުގައި ފުލުހުން ވަނީ، އޭނާގެ އަމިއްލަ އެކައުންޓުން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައިވާކަމަށާއި، އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީވެސް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކުންކަމަށެވެ. އޭނައ ަކީ އެކަމުގައި ވަރަށް އިސްކޮށް އުޅޭ މީހެއްކަމުން
ފުލުހުން ވަނީ އޭނާ ފިލައިގެން ގޮސްދާނެކަމުގެ ބިރު އޮތްކަމަށްވެސް ބުނެފައެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.
މީގެ އިތުރުން މުޙައްމަދު ފިރުދައުސްއަށްވެސް ފުލުހުން ތުހުމަތުކޮށްފައިވަނީ، ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ މީހެއްކަމަށާއި، އޭނާއަކީ ނެޓްވޯކެއްގެ ތެރެއިން ޖަމާއަތް ހަދައިގެން އެކަން ކުރާ މީހެއްކަމަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވާގޮތުގައި އޭނާ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ގެ ވަސީލަތް ބޭނުންކޮށްގެންނެވެ. އޭނާއާއި ދެކޮޅަށްވެސް ފުލުހުން ވަނީ ހެކި ހުށައަޅަފައެވެ. ފިރުދައުސްގެ ފަރާތުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދިފައި ވީނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ރާއްޖޭގައި ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އެންމެ ފުޅާ ދާއިރާގައި އުޅެނީ ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ