މާލޭގައި ވަޅިން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި އޭނާ މަރާލި ކަމުގެ ކުށް ސާބިތުވެ ހަތަރު މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް, ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވަރ ހުސެއިން ޖައިލަމްގެ މައްޗަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ވެސް ސާބިތުވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ކަމަށެވެ. އެ ގޮތަށް ގާޒީ ކަނޑައެޅުއްވީ، 14 އަހަރުގެ ކުޑަ ކުއްޖާ މަރާލުމުގައި އެ މީހުން ބައިވެރިވި ކަން ސާބިތުވާ ވަރުގެ ފޮރެންސިކް ހެކިތައް އަދި ކިތާބީ ހެކިތައް ދައުލަތަށް ހުށަހެޅިފައިވާތީއެވެ. އަދި އޭގެ ދިފާއުގައި ދިފާއަށް އެއްވެސް ހެއްކެއް އަދި ދައުލަތުގެ ހެކިތަކުގެ ބުރަދަނެއް ނެތް ކަން ދައްކުވައިދޭނެ އެއްވެސް ނުކުތާއެއް ވެސް ދެއްކިފައި ނުވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ނަބާހް އަދި އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި މައްސަލައިގެ މުހިންމު ހެއްކެއް ދޮގު ހެކިބަސް ދީފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ފޮރެންސިކް ތަހުލީލުތަކާއި ބައެއް ޝަފަހީ ހެކިންގެ ހެކިބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް އެއްވެސް ސިފައެއްގައި މީހަކު މަރާލުމުގައި ބައިވެރިވި ކުށް ސާބިތުވާ ކަމަށެވެ.
ދައުލަތުގެ ވަކީލު މައުލޫމާތު ޚިއްސާ ކުރެއްވި ގޮތުން ނަމަ، އެ ހަތަރު މީހުން މިއަދާ ހަމައަށް ތިން އަހަރާއި އެއް މަހާއި ހަތަރު ދުވަހު ޖަލުގައި ހޭދަކޮށްފައިވެއެވެ. އެ އަދަދު އުނިކުރުމަށް ފަހު ގާޒީ އިއްވެވީ 21 އަހަރާއި، 10 މަހާއި، 25 ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓު ފޮނުވާ