ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޝަހީދު ޙުސައިން އާދަމްއަކީ އެ ބަޠަލަކަށް މުޅި ދިވެހިރާއްޖެ ފަޚްރުވެރިވާ، ހދ. ކުޅުދުއްފުށީ މާވާގެ ކޯޕްރަލް ޙުސައިން ޢާދަމްގެ ނަމަކީ މިދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެންދާނޭ ނަމެއް ނޫނެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، ސިފައިންގެ މައިމަރުކަޒަށް ޙަމަލާދިން ވަގުތު އެމަރުކަޒުގެ މައިގޭޓުގައި ޓާސްކްފޯސް ޑިއުޓީގައި ތިއްބެވި ދެ ބޭކަލުންގެ ތެރެއިން އެއް ބޭކަލަކީ ކޯޕްރަލް ޙުސައިން އާދަމެވެ. މިމަޤާމުގައި ފިސާރި ސާބިތުކަންމަތީ ހުންނަވައި ކޯޕްރަލް ޙުސައިން އާދަމް، ދުސްމިނުން ދެމުންގެންދިޔަ ބަޑީގެ ވަރުގަދަ ޙަމަލާތަކުން ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ކޯޕްރަލް ޙުސައިން އާދަމުގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޒަން އަރައި ޝަހީދުވިއެވެ. ކޯޕްރަލް ޙުސައިން އާދަމް މިޢުދުވާނީ ޙަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގައި އެންމެ މުހިންމު ބައި ކުޅުއްވާ، ހިތްވަރުގަދަ ކެރޭ ސިފައިންގެ މީހެއްކަން ސާބިތުކޮށްދެއްވިއެވެ.
ކޮމެންޓު ފޮނުވާ