އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް އަޅުގަނޑެއް މިސްރާބު އަނބުރައެއް ނުލާނަން: ޣައްސާން

އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް އަޅުގަނޑެއް މިސްރާބު އަނބުރައެއް ނުލާނަން: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2021 01:40
0

ބަދަލުވާ ވަޔާއިއެކު އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް، މިސްރާބު އަނބުރައެއް ނުލެވޭނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވީ ކުރީގެ ނައިބް ރައީސް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ.މުހައްމަދު ޖަމީލް އަހުމަދަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ. ރައީސް ޔާމީނަށް ސްޕްރީމް ކޯޓުން އިންސާފު ލިބިގެންދާނެކަމަށް ޣައްސާން ވިދާޅުވުމުން ޖަމީލްވަނީ ކޯޓުގެ ހުކުމް އަންނާނެ ގޮތަކާއިމެދު ވާހަކަ ނުދެއްކުމަކީ ހުކުމަށް ނުފޫޒު ފޯރުވުންކަމަށް ވިދާޅުވެފައެވެ.

ޣައްސާން މިއަދު ވިދާޅުވީ އޭނާއަކީ ދުވަހަކުވެސް ބަދަލުވާ ވަޔާއިއެކު އެނބުރޭ ވަހުތާނެއްހެން މިސްރާބު ބަދަލުކުރާނެ މީހެއް ނޫންކަމަށެވެ. އަބަދުވެސް ހުންނާނީ އެއް މިސްރާބަކަށް އެއް އަމާޒެއްގައި ސާބިތުވެ ކަމަށާއި، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމަށާއި، އެގޮތުގައި ސާބިތުވެ ހުންނަވާނެކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

ބަދަލުވާ ވަޔާއިއެކު އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް އަޅުގަނޑެއް މިސްރާބު އަނބުރައެއް އިންޝާﷲ ނުލާނަން. އަމަލު ދިމާކޮށް އަބަދުވެސް އިންޝާ ﷲ ސާބިތު ކުރާނަން. އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް ރައީސް ޔާމީން ޔާމީން 2023. އިންޝާ ﷲ.

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު، ޑރ،ޖަމީލް އަކީ ކުރީގެ ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސްކަން ކުރެއްވުމަށްފަހު، މަޤާމުން ވަކިކުރުމުން، ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އަދި މިވެރިކަން ގެނައުމަށް މަސައްކަތް ކުރުމަށްފަހު، މިވެރިކަމާއިވެސް ދެކޮޅަށް ނިކުމެ މިހާރު އަނެއްކާވެސް ގެންދަވަނީ ޕީޕީއެމްއާއި އަލުން ގުޅި، ސިޔާސީ މަސައްކަތް ޕީޕީއެމްއާއިއެކު ކުރިއަށް ގެންދަވަމުންނެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ޑރ.ޖަމީލްއާއި، ޣައްސާނަކީވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތް ދެބޭފުޅުންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ހާލަތެއް އަތުވެއްޖެނަމަ ޓިކެޓަށް ވާދަކުރުމުގެ ޝައުގުވެރިކަން އެޕާޓީތެރޭގައި ބޮޑެވެ. ނަމަވެސް މިހާތަނަށް ރައީސް ޑރ.ވަހީދު ފިޔަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމު ޝައުގުވެރިކަން އިދިކޮޅު އެއްވެސް ބޭފުޅަކު ފާޅުކުރައްވާފައި ނުވެއެވެ.

ރައީސް ވަހީދުވެސް އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވަނީ ޕީޕީއެމްގެ މެމްބަރުން އެގޮތަށް ނިންމައިފިނަމައެވެ. ރިޔާސީ އިންތިޚާބަށް 2 އަހަރަށް ގާތްވެފައިވާއިރު، މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާނެ އިދިކޮޅު ލީދަރަކީވެސް އަދި ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރަކީވެސް އަދި ކޮންމެބޭފުޅުންތަކެއް ކަމެއް ސާފެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.