ސްޓެލްކޯގެ ވޯކްޝޮޕުން އެންމެ ފުރަތަމަ އެސެމްބަލްކޮށް އުފެއްދި ޖަނެރޭޓަރުން އދ.ހަންޏާމީދޫއަށް ކަރަންޓު ދޭން ފަށައިފިއެވެ.
އާބާދީ އިތުރުވަމުން އަންނަ ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ހުރިހާ ރަށަކީވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ޤާއިމުވެފައިވާ ރަށަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯގެ ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ސްޓެވޯ ބްރޭންޑްގެ ފުރަތަމަ ޖަނަރޭޓަރު ސެޓު ހަންޏާމީދޫއަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގައެވެ.
ސްޓެލްކޯއިން ބުނީ، އދ. ހަންޏާމީދޫއަށް ފޮނުވާފައިވާ އެކުންފުނީގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް STW300 ކޮމިޝަން ކުރެވި ބޭނުންކުރަން ފެށުމާއެކު، ހަންޏާމީދުގެ ކަރަންޓުގެ ކެޕޭސިޓީ މިހާރު ވަނީ 460kW އިން 740kW އަށް އިތުރުކުރެވިފައިވާކަމަށެވެ.
އދ. ހަންޏާމީދޫއަށް ފޮނުވާފައިވާ މިކުންފުނީގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް STW300 ކޮމިޝަން ކުރެވި ބޭނުންކުރަން ފެށުމާއެކު، ހަންޏާމީދުގެ ކަރަންޓުގެ ކެޕޭސިޓީ މިހާރު ވަނީ 460kW އިން 740kW އަށް އިތުރުކުރެވިފައި. pic.twitter.com/kIVl8cHNsq
— STELCO (@STELCOMALDIVES) November 25, 2021
މިކަމުގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ
ސްޓެލްކޯގެ ވޯކްޝޮޕުންވަނީ 3 މޮޑެލްއެއްގެ ޖަނެރޭޓަރު ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ހިމެނެނީ STW300, STW600 އާއި STW800 އެވެ. ސްޓެލްކޯއިން މިހާރުވަނީ މިބްރޭންޑުގެ ޖަނަރޭޓަރަށް އޯޑަރު ދިނުމަށް ހުޅުވާލާފައެވެ. މި ޖަނަރޭޓަރު ގަންނަ ފަރާތްތަކަށް އެކުންފުނިން އިތުރު ޚިދުމަތްތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ޖަނަރޭޓަރު ސެޓަކާއެކު ލޯކަލް ވޮރަންޓީއަކާއި އަފްޓަރ ސޭލްސް ސަރވިސްގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ޖަނަރޭޓަރު އިންސްޓޯލްކޮށްދިނުމުގެ ޚިދުމަތް ދިނުމަށް އެކުންފުނިންވަނީ ނިންމާފައެވެ. ހަމައެއާއެކު ޖަނަރޭޓަރަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ޖަނަރޭޓަރަށް ބޭނުންވާ ސްޕެއަރގެ ބައިތައް ސްޓެލްކޯގެ އިންޖިނިއަރުން ގޮސްގެން ބަދަލުކޮށްދިނުމުގެ ޚިދުމަތްވެސް ދޭނެކަމަށް އެކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ތަޢާރަފްކޮށްފައިވާ ޖަނަރޭޓަރަކީ ރާއްޖެއަށް ބޭރުން އެތެރެކުރާ ޖަނަރޭޓަރުތަކާ އެއްފެންވަރަކަށް ސްޕެއަރތައް ރާއްޖެއަށް ގެނެސްގެން ސްޓެލްކޯގެ އިންޖިނިއަރުން އެސެމްބަލްކުރާ ޖަނަރޭޓަރުތަކެކެވެ.