ޣައިރު ޙާޒިރުގައި ޙުކުމްކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ 422 މީހުން، ހައްލު ހޯދައިދެނީ

ޣައިރު ޙާޒިރުގައި ޙުކުމްކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ 422 މީހުން، ހައްލު ހޯދައިދެނީ

Author
މުޙައްމަދު ޖިމީ
25 ނޮވެމްބަރ 2021 04:48
0

ޣައިރު ޙާޒިރުގައި ޙުކުމްކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ 422 މީހުންގެ ޕާސްޕޯޓް ދޫކުރެވޭނެ ގޮތް ހޯދުމަށް ބަންޑާރަ ނާއިބުގެ އޮފީހުގައި ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ޢީވާ ޢަބްދުﷲ ހުށައަޅުއްވައިގެން ކޮމިޓީން ބަލައި އެކުލަވާލި ރިޕޯޓްގައި ވަނީ  ޣައިރު ހާޒިރުގައި ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމަކާ ނުލައި މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް 287 މީހަކު ތިބިކަމަށެވެ. އަދި ފައިތުވި އަހަރު އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ޣައިރު ހާޒިރުގައި ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމަކާ ނުލައި ޕާސްޕޯޓް ހިފަހައްޓާފައިވާ 422 މީހަކު ތިބިކަމަށްވެސް ބުނެފައިވެއެވެ. އޭގެތެރޭގައި ދިވެހިންވެސް ހިމެނެއެވެ.

ރިޕޯޓްގައިވާގޮތުން އޭގެތެރެއިން 17 މީހުންނަކީ މިހާރު ޢަމަލުރެވެމުން އަންނަ ޤާނޫނު އަސާސީގެ ކުރިން ނިންމާފައިވާ މައްސަލަތަކެވެ. ކޮމިޓީން ވަނީ ޣައިރު ޙާޒިރުގައި ޖިނާޢީ އަދި މަދަނީ މައްސަލަތަކުގައިވެސް ޙުކުމްކޮށްފައިވާކަމަށެވެ. އަދި މަދަނީ މައްސަލަތަކުގެ ތެރޭގައި ދަރަންޏާއި ފައިސާ ނުދައްކާ މައްސަލަތައްވެސް ހިމެނެއެވެ.

ޣައިރު ޙާޒިރުގައި ޙުކުމްކޮށްފައިވަނީ އެފަރާތްތައް ޖަލަށްލުމަށާއި، ގޭބަންދާ އަރުވާލުމަށް އަދި ކޮމިއުނިޓީ ސާރވިސްއަށެވެ.

ދާދިފަހުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައި ނުވާކަމަށެވެ.

ނަމަވެސް، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދޫކޮށްލެވުނު ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކަށް ކުރެވުނު ޝަރުތުތަކާއި ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫޢަ ކުރަންޖެހޭ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ހުކުމް ތަންފީޛު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖްތަމަޢަށް ދޫވެފައިވާ އެކިފަރާތްތަކުގެ ޕާސްޕޯޓުތައް ވަނީ ހިފެހެއްޓިފައިކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.