މެންޗެސްޓަރ ސިޓީ އާއި ރެއާލް ވެސް ދެވަނަ ބުރަށް

މެންޗެސްޓަރ ސިޓީ އާއި ރެއާލް ވެސް ދެވަނަ ބުރަށް

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް ދެވަނަ ބުރުން ޖާގައެއް ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ޕީއެސްޖީން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުންނެވެ. އަދި ރެއާލް މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރީ އެފްސީ ޝެރިފް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ސިޓީން ޕީއެސްޖީ ކޮޅަށް ލަނޑެއް ޖެހުމަށް ފުރަތަމަ ހާފުގައި ފޮނުވާލި ގިނަ ހަމަލާތަކެއް އެޓީމުގެ ޑިފެންސް ލައިނުން ވަނީ ހުއްޓުވާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޕީއެސްޖީން ވަނީ ލިބުނު ފުރުޞަތުގެ ބޭނުން ހިފާ ލަނޑު ޖަހާފައެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ، ކީލިއަން އެމްބާޕޭއެވެ. ޕީއެސްޖީން ލަނޑު ޖަހާ ލީޑު ނެގިފަހުން ސިޓީން ވަނީ ފުރަތަމަ ހާފް އެކޭ އެއްގޮތަށް ޕީއެސްޖީގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލަން ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރަހީމް ސްޓާލިން ވަނީ ލަނޑެއް ޖަހާ ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަބްރިއެލް ޖެސޫސްއެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީ ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މި މެޗުން ބަލިވި ޕީއެސްޖީވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ރެއާލް މެޑްރިޑް ދަތުރުކުރީ، އެފްސީ ޝެރިފް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި ރެއާލުން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑު އެޓީމުން ޖެހީ ފުރަތަމަ ހާފުގައެވެ. މި 2 ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ، ޑިފެންޑަރު ޑޭވިޑް އަލަބާ އަދި ޓޯނީ ކްރޫސްއެވެ. ރެއާލްގެ 3 ވަނަ ލަނޑު ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ކަރީމް ބެންޒެމާއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *