ޕޮރޮޖެކްޓްތަކަށް އިސްކަންދޭ ތަރުތީބާމެދު ހިތްހަމަ ނުޖެހި، އަސްލަމް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

ޕޮރޮޖެކްޓްތަކަށް އިސްކަންދޭ ތަރުތީބާމެދު ހިތްހަމަ ނުޖެހި، އަސްލަމް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2020 05:41
0

ކޯވިޑް-19 ގެ ހާލަތުގައި ސަރުކާރުން އެކި ދާއިރާތަކުގައި ހިންގާ ޕްރޮޖެކްޓްތައް މަޑު ޖަލްސާލާފައި ވަނިކޮށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެކި ދާއިރާތަކުގައި ޕްރޮޖެކްޓްތައް ހިންގަނީ ކޮން އުސޫލަކުންތޯ ސާފުކުރުމަށް މިނިސްޓަރ އަސްލަމް މާދަމާގެ މަޖިލީހަށް ހާޒިރުކުރަން އެޖެންޑާކޮށްފިއެވެ.

މިނިސްޓަރ އަސްލަމް މާދަމާގެ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. ސިރާޖުވަނީ މިނިސްޓަރ އަސްލަމާއި ދެ ސުވާލެއް ކުރުމަށް ހުށަހަޅުއްވާފައެވެ. ފުރަތަމަ ސުވާލުގައި ސިރާޖު ސާފުކުރަން ބޭނުންވަނީ ކޯވިޑް-19 ގެ ސަބަބުން ޕްރޮޖެކްޓުތަކުގައި ސޮއި ކުރުން މަޑު ޖައްސާލާފައިވާ ވަގުތެއްގައި 37،871،786.00 ދިވެހި ރުފިޔާ ޚަރަދު ކުރާ ގޮތަށް އިސްކަމެއްދީގެން ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއިކުރަންޖެހުނު ސަބަބަކީ ކޮބައިތޯ އާއި އަދި  ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓުތަކުގައި ސޮއިކުރުމުގައި ޢަމަލުކުރަމުން އަންނަ ގޮތާއި އެކަންކުރާ އުސޫލަކީ ކޮބައިތޯ ސާފުކުރުމަށެވެ.

ދެވަނަ ސުވާލަކަށް ހުށަހަޅުއްވާފައިވަނީ 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި "ލ.ފޮނަދޫ މަގު ހެދުން-ފޭސް 2″ ހިމަނާ ފައިވާއިރު، މި ޕްރޮޖެކްޓު ކުރިއަށް ގެންގޮސް ދިނުމަށް އެކިފަހަރުމަތިން އެދިފައިވާއިރު، މި ޕްރޮޖެކްޓުގައި ސޮއިނުކުރެވި އޮވެ 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިނުވާ، ބިމުގެ ގޮތުން މާ ބޮޑުތަނުން ކުޑަ "ރ.ދުވާފަރު މަގު ހެދުން -ފޭސް 2 " ޕްރޮޖެކްޓު 37،871،786.00 ރުފިޔާއަށް 9 ސެޕްޓެންބަރު 2020 ގައި ސޮއިކުރީ ކޮން އުސޫލަކުންތޯ ސާފުކުރުމަށެވެ.

މިނިސްޓަރ އަސްލަމަކީ މަޖިލީހުގެ މިދައުރުގައި އެންމެ ގިނައިން މަޖިލީހަށް ހާޒިރުކުރި ވަޒީރެވެ. މިދިޔަ މަހުގެ ތެރޭގައި މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރު ކުރުކޮށް ކުރެވުނު ސުވާލުތަކުގައި ދެއްވި ޖަވާބުތަކުގެ ސަބަބުން ގިނަ މެމްބަރުންވަނީ މިނިސްޓަރ އަސްލަމާއިމެދު ވަރަށްބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިއީ އަސްލަމް މިދައުރުގެ ތެރޭގައި މަޖިލީހަށް ހާޒިރުކުރާ 4 ވަނަ ފަހަރެވެ.

މާދަމާގެ ޖަލްސާގައި ދެ ސުވާލު އަސްލަމަށް ކުރިމަތިކޮށްފައިވާއިރު، ދެސުވާލަށް ޖަވާބުދެއްވަން މަޖިލީހުގައި ގަޑިއެއްހާއިރު ހޭދަކުރައްވަންޖެހޭނެއެވެ. މަޖިލީހުގެ ގަވާއިރު ބުނާގޮތުން ސުވާލަށްފަހު އެހެން މެމްބަރުންނަށް މިނިސްޓަރާއި ސުވާލުކުރުމަށް 25 މިނިޓްގެ ފުރުސަތެއް ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.