އަފްއާނިސްތާނުގައި ކެނެބިސް އުފައްދާ ސެންޓަރެއް ގާއިމް ކުރުމަށް ބޭނުންވާ އޮސްޓްރޭލިއާގެ ކުންފުންޏަކާއެކު 450 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާކަން ތާލިބާން ސަރުކާރުގެ ތަރުޖަމާން ޓުވިޓަރގައި ހާމަ ކުރައްވާއިފިއެވެ.
މިގޮތުން ސޮއި ކުރެވިފައިވާ ކޮންޓްރެކްޓްގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ކުރިޔަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ތާލިބާން ސަރުކާރުގެ ޕްރެސް ޑިރެކްޓަރ ޤާރީ ސައީދު ޚޯސްތީ ވިދާޅުވެފައި ވެއެވެ.
އަފްއާނިސްތާނުގެ ލޯކަލް މީޑިއާއެއް ކަމުގައިވާ ޕަޖުވާކް ނިއުސް އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި މިހަފްތާގެ އަންގާރަ ދުވަހު، އަފްއާނިސްތާނުގެ ޑެޕިއުޓީ ނާރކޮޓިކްސް މިނިސްޓަރ ވަނީ، ނާކޮޓިކްސް އުފައްދާ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ އޮސްޓްރޭލިއާގެ ސީފާމް ކުންފުނީގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި މި ކުންފުނިން މި ޕްރޮޖެކްޓަށް 450 މިލިއަން ޚަރަދު ކުރާނެކަމަށް ވިދާޅުވެފައި ވާކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
މި ޚަބަރާއި ގުޅިގެން ސީފާމުން އަދި އެއްވެސް މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.
ޚޯސްތީ ވިދާޅުވެފައިވާ ގޮތުގައި، ބޭހުގެ ބާވަތެއްގެ ކެނެބިސް ކްރީމް އުފައްދާ މި ކުންފުންޏަށް އަފްއާނިސްތާނުގެ އެތައް ހާސް އޭކަރެއްގެ ކެނެބިސް ދަޑުތަކަށް ވަނުމުގެ ފުރުސަތު ދެވިގެން ދާނެއެވެ.
ފާއިތުވެދިޔަ އޮގްސްޓުމަހު އަފްއާނިސްތާން އެޖަމާއަތުގެ ބާރުގެ ދަށަށް ގެނައުމަށްފަހު، ތާލިބާން ޖަމާއަތުންވަނީ، މަސްތުވުމަށް ބޭނުންކުރާ ބާވަތެއްގެ ޑްރަގެއް ކަމުގައިވާ ކެނެބިސް އުފެއްދުން އެގައުމުގައި ހުއްޓުމަކަށް ގެންނާނޭކަމަށް ވައުދު ވެފައެވެ.
ތާލިބާން ސަރުކާރުން ކަންދަހާރަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު ޔޫސުފް ވަފާ ފާއިތުވި އޮކްޓޯބަރުމަހު ވިދާޅުވެފައިވާ ގޮތުގައި ތާލިބާން ޖަމާއަތުންދަނީ ޑްރަގް ބޭނުންކުރާ މީހުން އެގައުމުގައި ހައްޔަރު ކުރަމުންނެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި، ކެނެބިސް އަދި އޯޕިއަމް ގަސްތައް އެގައުމުގައި ހެއްދުމުގެ ފުރުސަތު ދަނޑުވެރިންނަށް ނުދެވޭނެއެވެ.
ބުނެވޭ ގޮތުގައި ތާލިބާން ޖަމާއަތުން، އަފްއާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާ ދެކޮޅަށް ގެރިއްލާ ހަގުރާމަ ކުރަމުން ދިޔައިރު، ކެނެބިސްއާއި އޯޕިއަމް އަކީ އެޖަމާއަތުން އާމްދަނީ ހޯދުމަށް ބޭނުންކުރި އެންމެ މުހިންމު އެއް ވަސީލަތެވެ.
ކޮމެންޓު ފޮނުވާ