ރޮނާލްޑޯ އާއި ސަންޗޯގެ ލަނޑުން މޮޅުވެ ޔުނައިޓެޑް ދެވަނަ ބުރަށް

ރޮނާލްޑޯ އާއި ސަންޗޯގެ ލަނޑުން މޮޅުވެ ޔުނައިޓެޑް ދެވަނަ ބުރަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޭޑަން ސަންޗޯ ކާމިޔާބުކޮށްދިން ލަނޑުތަކުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ ވިޔަރެއާލް އަތުން ޔުނައިޓެޑް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ ޔުނައިޓެޑްގެ ކޯޗު އޮލެ ގަނަ ސޯލްޝެއާ އެޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިކުރުމަށްފަހު އެ ޓީމު ކުޅުނު ފުރަތަމަ މެޗެއެވެ. މި މެޗުގައި ޔުނައިޓެޑަށް އިރުޝާދު ދީފައިވަނީ އެސިސްޓަންޓް ކޯޗު ކެރިކްއެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކީ ވިޔަރެއާލުންނެވެ. އެގޮތުން އެޓީމުން ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑްގެ ކީޕަރ ޑެހެއާ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފް ފަށައިގެންވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ވިޔަރެއާލުންނެވެ. ނަމަވެސް ޔުނައިޓެޑްގެ ޑިފެންސުން ވަނީ ވިޔަރެއާލްގެ އެޓޭކްތައް ހުއްޓުވާފައެވެ. މެޗުގައި ޔުނައިޓެޑްގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔައީ ދެވަނަ ހާފުގައި ބްރޫނޯ އާއި ރަޝްފޯޑް ކުޅެން އެރުވި ހިސާބުންނެވެ. އެގޮތުން ޔުނައިޓެޑުން މެޗުގައި ލީޑު ނެގި ލަނޑު 78 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްދީފައެވެ. ހާތަނަށް ޔުނައިޓެޑުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 5 މެޗު ކުޅެފައިވާއިރު ރޮނާލްޑޯ ވަނީ މި ފަސް މެޗުގައިވެސް ލަނޑު ޖަހާފައެވެ. ޔުނައިޓެޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ސަންޗޯއެވެ. މިއީ ޔުނައިޓެޑަށް ބަދަލުވުމަށްފަހު ސަންޗޯ ޖެހި ފުރަތަމަ ލަނޑުވެސް މެއެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފްގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވިޔަރެއާލަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އެޓަލާންޓާ އޮތީ ފަސް މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ޔަންގް ބޯއީސްއަށް ފަސް މެޗުން ވަނީ 4 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *