މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ނިންމުމަށް މަޖިލީހުން އަމާޒު ހިފައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފައްޓެވުމުގެ ގޮތުން މެމްބަރުންނާއި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަމާޒަކީ އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ދިއުންކަމަށެވެ. ނަމަވެސް އެދުވަހަށް މަޖިލީހުގެ މަސައްކަތްތައް ނުނިމިއްޖެނަމަ، އަންގާރަ ދުވަހުވެސް ފަހު ޖަލްސާ ބާއްވަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާ ހޯމަ ދުވަހު ބޭއްވުމަށް އަމާޒު ހިފާފައިވާއިރު، މިދައުރުގައި މުހިންމު ބިލްތަކެއް ނިންމުމަށް ވަނީ މަޖިލިސް ރައީސް ވަނީ އަމާޒު ކަނޑައަޅާފައެވެ.
ފަހު ދައުރުގައި ނިންމުމަށް އަމާޒު ހިފާފައިވާ މަސައްކަތްތައް:
– މަދަނީ އިޖުރާތުގެ ބިލު
– ލާމަރުކަޒީ ޤާނޫނާއި ގުޅިގެން ޤާނޫނުތަކަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކުރުން
– ޖިންސީ ކުށުގެ ޤާނޫނަށް ގެނެވޭ ދެ އިސްލާހެއް ފާސްކުރުން
– އެއްމެދު އިމާރާތުގެ ޤާނޫނުނު
– ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު
މަޖިލިސް ރައީސް ވިދާޅުވީ މިއަދު ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސް ކުރުންކަމަށެވެ. ބަޖެޓަށް ބަހުސް ކުރުމަށް މިހާރު އެދިފައިވާ 17 މެމްބަރުންނަށް ފުރުސަތުދީ ބަހުސްގެ މަރުހަލާ ނިންމާލުމަށްފަހު، މިއަދު ބަޖެޓަށް ވޯޓަށް އަހައި ބަޖެޓު މަޖިލީހުން ފާސް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު މިވަނީ ބަޖެޓްގެ ޖުމްލަ ޢަދަދަށާއި ޚަރަދަށް ނިސްބަތުން ކުޑަ އިތުރުވުމެއް އައިސްފައެވެ. މިގޮތުން ކޮމިޓިން ގެނައި ބަދަލަކީ ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކުރުމާއި، ބަޖެޓްގެ ޖުމްލަ ޢަދަދު 36.92އިން 36.99އަށް އިތުރުކުރުމެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.
ބަޖެޓަށް ބަދަލު އައިސްފައިވަނީ ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށާއި، ބައެއް މުއައްސަސާގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމުންނެވެ. އެގޮތުން 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި 7 މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އިތުރުކޮށްދީފައެވެ.