ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންދާ އެލަވެންސް ބޮޑުކުރަން ތާއީދު ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށާއި، ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް އޮންލައިންކޮށް މިހާރު ކުރިއަށް ގެންދާ ޕެޓިޝަނަށް ތާއީދު ކުރައްވައެވެ. ނިހާދު ވިދާޅުވީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންދާ އެލަވަންސް ބޮޑު ކުރުމަށް ތާއީދު ކުރައްވާކަމަށެވެ.
އޮންލައިންކޮށް މި ޕެޓިޝަން ކުރިއަށް ގެންދިއުމުގެ އެންމެބޮޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންދާ 2،000 ރުފިޔާއަކީ، ޚަރަދުތައް ބަލަހައްޓަން އެންމެ އެކަށޭނެ އަދަދަކަށް ނުވުމެވެ. ޚާއްސަކޮށް ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހާލަތާއިއެކު ތަކެތީގެ އަގު ފުލި، ކުރަންޖެހޭ ހޭދަ ބޮޑުވެފައިވުމެވެ. ޕެޓިޝަންގައި ބޮޑު ކުރަން ހުށަހަޅަނީ ރުފިޔާއިން 5،000 ރުފިޔާއަށެވެ. މިހާރު ސަރުކާރުން ދެމުންދަނީ 2،000 ރުފިޔާގެ އެލަވެންސެކެވެ.
އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 36،000އަށްވުރެ ގިނަ މީހުން ރާއްޖޭގެ އާބާދީގައި ހިމެނޭ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން ބާވީސް ހާހަށްވުރެ ގިނަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ. މީގެ ތެރޭގައި ހިމެނެނީ 12،844 އަންހެނުންނާއި، 9،243 ފިރިހެނުންނެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 14،238މީހުންނެވެ. އެއީ 9211 އަންހެނުންނާއި، 5028 މީހުންނެވެ.
ރާއްޖެއިން ފާހަގަކޮށްލެވޭ ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅުދުންތެރިކަން ހުންނަ މީހުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ %43 މީހުންނެވެ. ދެން އެންމެ ގިނައީ ފެނުމުން މަހުރޫމްވެފައިވާ މީހުންނެވެ. އެއީ އާބާދީގެ %24 އެވެ. %22.5 މީހުންނަކީ ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލަ ކަންކަން ކުރުމުގައި އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. ހަނދާން ބަލިވުމުގެ ނުކުޅެދުންތެރިކަން %19މީހުން ތަޙައްމަލްކުރަމުންދެއެވެ. އަދި %14މީހުންނަކީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށާއި %11މީހުންނަކީ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ސަރވޭއިން ދައްކައެވެ.
One Response
ޚޮކޮބަ މުސޮޮކުލިނަހޮ ދެނޮބުނި 7000 ރުފިޔަ