ރާއްޖެއިން އިތުރު 96 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި 96 މީހުންގެ ތެރޭގައިވެސް ގިނައީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން އަތޮޅުތަކުން 72 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން 18 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 90،821އަށް އަރާފައެވެ. އަދި މިވަގުތު މިބައްޔަށް 1984 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 142 މީހަކު މިބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 88،576 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،083 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖެއިން ކޯވިޑް ބަލީގައި މިހާތަނަށް 248 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ