މި ސަރުކާރުން އިންޑިއާއިއެކީ ކޮށްފައިވާ ސިއްރު އެއްބަސްވުންތަކާ ދެކޮޅަށް، ޕީޕީއެމް ޕީއެންސީން އިސްނަގައިގެން ކުރިޔަށް ގެންދާ މަގުމަތީ ހަރަކާތްތަކުގައި ޑރ. ޖަމީލް ބައިވެރިވެ ވަޑައި ނުގަންނަވާތީ ޕީޕީއެމްގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ޚަބަރު އޮންލައިނަށް މައުލޫތު ލިބިއްޖެއެވެ.
ކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި، އަދިި މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ޕީޕީއެމްއާއި ގުޅިވަޑައި ގެންނެވި، ކުރީގެ ނާއިބުރައީސް ޑރ. ޖަމީލް ފާހަގަ ވެގެން ގޮސްފައިވަނީ، ޕީޕީއެމްއާއި ގުޅިވަޑައިގަތް ފަހުންވެސް ވަރަށް މަދުން މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
އެހެންނަމަވެސް ޕީޕީއެމްއިން މިހާތަނަށް ބޭއްވި ގިނަ ޖަލްސާތަކުގައި ޑރ. ޖަމީލް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފައި ވެއެވެ.
ޚަބަރު އޮންލައިނާ ވާހަ ދެއްކެވި ޕީޕީއެމްގެ އިސްބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި، ޑރ. ޖަމީލް ޕީޕީއެމްއިން ކުރިޔަށް ގެންދާ މަގުމަތީ ހަރަކާތްތަކަށް ނިކުމެވަޑައި ނުގަންނަވާކަމުގެ ކަންބޮޑުވުން ޕީޕީއެމްގެ މެމްބަރުންގެ މެދުގައި އޮތް ކަމަށެވެ. އެހެންނަމަވެސް، މިހަރަކާތްތަކުގައި ޑރ. ޖަމީލް ބައިވެރިވެ ވަޑައިނުގަންނަވަނީ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވަމުން ގެންދަވާތީކަމުގައި ބައެއް ފަރާތްތަކުން މައުލޫމާތު ދޭކަމުގައިވެސް އޭނާ މައުލޫމާތު ދެއްވާފައި ވެއެވެ.
އިދިކޮޅު ޕީޕީއެމްއިން މިހާރު ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތްތައް އެޕާޓީން ގެންދަނީ ކޮންމެ ހަފްތާ ބަންދެއްގައްގައިވެސް މާލެއާއި ހުޅުމާލޭގައި ކުރިޔަށް ގެންދަމުންނެވެ. އަދި އެޕާޓީންވަނީ ފާއިތުވެދިޔަ ހަފްތާ ބަންދުގައި މިހަރަކާތް ފުވައްމުލަކުގައިވެސް ކުރިޔަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުވައްމުލަކުގައި އިންޑިއާ އައުޓް ހަރަކާތް ކުރިޔަށް ދިޔައިރު އެރަށުގައި ޑރ. މަޖީލް ހުންނެވި ނަމަވެސް، އެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. ފުވައްމުލަކަކީ ޑރ. ޖަމީލްގެ އުފަން ރަށެވެ.
ޑރ. ޖަމީލަކީ، ޕީޕީއެމްއާއި ގުޅިވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އަދި ރައީސް ޔާމިންގެ ނާއިބު ރައީސްކަމުން ވަކި ކުރެވުމާއިއެކު އޭރު މަސައްކަތް ކުރައްވަމުން ވަޑައިގެންނެވީ ރައީސް ނަޝީދާއެކީއެވެ. އެއަށްފަހު ފާއިތުވި ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގައެވެ. އަދި އެޕާޓީގެ ޓިކެޓްގައި ފާއިތުވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާ ލިބިވަޑައިގަތީ 3 ވަނައެވެ.
ކޮމެންޓު ފޮނުވާ