ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ހިމާޔަތުގައި ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީ ގެންގުޅުމަކީ މި ވެރިކަމުން ބާޢީން ޢާޒީންނަށް ހެދާފައިވާ ކަމުގެ ވަރަށްބޮޑު މިސާލެއް ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ޑރ.ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީގެ 32 އަހަރުކުރިން އެތައް ބަޔަކު ޝަހީދުވެގެން ލިބުނު ނަޞްރު ހަނދާންކޮށްދެނީ ޚާއިނުންނަށް ފާރަވެރިވާންޖެހޭ މިންވަރުކަމަށެވެ. ކޮންމެ ސަރުކާރަކުން ދިވެހި ދައުލަތާއި ހަވާލުވެ ތިއްބެވިނަމަވެސް ޚާއިނުންނަށް ފާރަވެރިވެ، އެމީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ޖަމީލް ވިދާޅުވިއެވެ.
ނަމަވެސް މިސަރުކާރުން ފެނިގެން ގޮސްފައިވަނީ ބާޢީންނަށް ހިމާޔަތްދީ، އިއްޒަތާއިއެކު ގެންގުޅުނުތަންކަމަށެވެ. ލުޠުފީ އާއި ނާޞިރާއި ޝާހިދު ފަދަ ބާޢީންނަށް ސަރުކާރާއި، ރައްޔިތުން އަބަދުވެސް ހޭލުންތެރި ވާންޖެހޭނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
މީގެ 32 އަހަރުކުރިން އެތައް ބަޔަކު ޝަހީދުވެގެން ލިބުނު ނަޞްރު ހަނދާންކޮށްދެނީ ޚާއިނުންނަށް ފާރަވެރިވާން. ލުޠުފީ އާއި ނާޞިރާއި ޝާހިދު ފަދަ ބާޢީންތަކަށް ޤައުމް އަބަދުވެސް ހޭލުންތެރިވާންޖެހޭނެކަން. ލުޠުފީ އަށް އެމްބަސީން ހިމާޔަތްދިނުމަކީ މި ވެރިކަމުން ބާޢީން ޢާޒީންނަށް ހެދުން.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެކަމުގެ މަޢުލޫމާތު ޢާންމުނުކޮށް ގިނަދުވަސް ވަންދެން ފޮރުވުމުން ގިނަ ބައެއްގެ ފާޑުކިއުން އޭރު ސަރުކާރަށް އަމާޒުވިއެވެ.
ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ރާޢްޖެއިން ބޭރަށް ފޮނުވުމުންނެވެ. ނޮވެމްބަރު 3 ގެ އުދުވާނުގައި ލުތުފީއާއި އެކު ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހްމަދު ނާސިރަށް ވެސް އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރުކަމުން މި މުއްދަތު ހަމަވުމުން 2014 ވަނަ އަހަރު ސަގަރު އަހްމަދު ނާސިރު ވަނީ މިނިވަންވެފައެވެ.
ލުތުފީ އިސްކޮށް ހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރާ 3 ނޮވެމްބަރ 1988ގައި ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. މި މައްސަލާގައި ލުތުފީ މަރަން ކޯޓުން ހުކުމްކުރިއެވެ. އެހެންނަމަވެސް ރައީސް މައުމޫން ނޮވެމްބަރު ތިނެއްގައި މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވާ އެ އަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވިއެވެ.
ކޮމެންޓު ފޮނުވާ