ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ގޯސް: ނަޝީދު

ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ގޯސް: ނަޝީދު

ދައުލަތުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، ނަމަވެސް އެ ދަރަނިތައް އަދާކުރަން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ދަރަނިތައް ދެއްކުން ސަރުކާރަށް އިންތިހާއަށް އުނދަގޫކަމަކަށް ވެފައިވާކަމަށެވެ. ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދުތަކަށް ބަލާއިރު ދަރަނި ދެއްކޭ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބޭކަމަށާއި، ކުރިއަށް އޮތްތަނުގައި ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެން މެނުވީ ދައުލަތަށް މިކަން ފަސޭހަ ނުވާނެކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓް ކޮށްފައިވާ އަދަދަށް ފައިސާ ހުރި ކަން ޔަގީންކުރުމާއި، ދަރަނި ދެއްކުމަށްފަހު ދައުލަތުގެ ހަޒާނާގައި ފައިސާ ހުންނާނެ މިންވަރެއް ބެލުން މުހިއްމުކަމަށް ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓްގެ ޖުމްލަ ދަރަންޏަކީ 9.7 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ނަގާފައިވާ ލޯންތަކަށް އަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެތީ، އެ އަދަދަށް ބަޖެޓްގައި ފައިސާ ވަނީ ހިމަނާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ބޮންޑެއްގެ ބޮޑު ބައި މިއަހަރު ދައްކާފައިވީ ނަމަވެސް އަންނަ އަހަރަށްވިރެ 2023ގައި ދަރަި ދެއްކުމަށް ކުރަންޖެހޭ ހޭދަ މާބޮޑުވާނެކަމަށެވެ.
ރައީސް ނަޝިދު ވިދާލުވީ ރާއްޖޭގެ ދަރަނީގެ ހާލަތު ދެނެގަތުމަށް މަޖިލީހުން ރަނގަޅު ދިރާސާތަކެއް ކޮށްފައިވާކަމަށާއި، ދައުލަތަށްލަފާތަކެއްވެސް ދެއްވާފައިވާނެކަަމަށެވެ. ނަޝީދު ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރުން މިވަގުތަށް ވަރަށް މުހިއްމުކަމަށެވެ.
ދަރަނި ރިސްޓްރަކްޗަރ ކުރުމަކީ ދަރަނި އަދާކުރަންޖެހޭ މުއްދަތު އިތުރުކުރުމާއި ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް ކުޑަކުރުމާއި ބައެއް ޢަދަދުތައް މައާފްކުރުމެވެ. ރައީސް ނަޝީދު ވަނީ ދަރަނިތަކަށް ގްރޭސް ޕީރިއަޑެއް ހޯދައި ކުރިއަށް އޮތް ދެއަހަރު ލޯނު ނުދައްކައި ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުމަށް އެދިވަޑައިގަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *