ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުކިޔައި ޓުވީޓްކޮށްގެން ވަކިކުރި އަހުމަދު އިބްރާހީމް (ޕޯކްމޭން)އާއި ގުޅޭގޮތުން ޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް ކުއްވެރިކޮށްފިއެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފެކެވެ. އޭނާ މަޝްހޫރު ވެފައިވަނީ ސޯޝަލް މިޑިއާގައި ޕޮކްމަންގެ ނަމުންނެވެ. ސޯޝަލް މީޑިއާގައި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަން ފާހަގަކޮށް އެކި ޓްވީޓުތައް އޭނާ ކުރަމުން ގެންދެއެވެ.
ވަޒީފާއިން ވަކިކޮށް ޑީޖޭއޭއިން ނެރުނު ބަޔާން ކުށްވެރިކޮށް އޭނާ މިރޭ ނެރުނު ބަޔަނުގައި ވަނީ ޑީޖޭއޭއިން ދީފައިވާ މައުލޫމާތަކީ ދައުލަތުގެ ރަސްމީ އިދާރާއަކުން ރަސްމީ ސިފައެއްގައި ބަޔާން ނެރެ މީޑިއާއަށް މައުލޫމާތު ހިއްސާކުރުމުގެ
އާންމުކޮށް އަމަލުކުރަމުންދާ އިންތިޒާމުތަކުގެ ބޭރުން ސިއްރިއްޔާތުގައި ކޮންމެ ނޫހަކުންވެސް ވަކި ނޫސްވެރިންތަކަކަށް ދިން މައުލޫމާތެކެއްކަމަށެވެ. ބަޔާނެއްގެ ސިފާގައި މައުލޫމާތު ދިން ނަމަވެސް އެ ބަޔާނުގައި އިދާރާގެ ލެޓާހެޑެއް ދައުލަތުގެ ނިޝާނެއް ނެތްކަމަށާއި، މައުލޫމާތު ދިނީ އެ އިދާރާގެ ކޮން މުވައްޒަފެއްކަން އެ ބަޔާނުން އެނގޭކަށްވެސް ނެތެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އެ އިދާރާއިން ކަންކުރި ގޮތެއް ނޫންކަން ފާހަގަކުރާކަމަށް ބުނެފައިވެއެވެ.
މި ބަޔާނުގައި އޭނާއާމެދު ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާކަން ފާހަގަކޮށް ބުނީ، އޭގެ ތެރޭގައި ކޯޓަށް ދައުލަތުން ހުށަހެޅި ޖިނާއީ މައްސަލައެއް ގެއްލުވާލާފައިވާ ކަމަށް ބުނެ އެއްވެސް ހަގީގަތެއްނެތް ތުހުމަތެއް ކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު ހިނގި ކަމެއް ކަމުގައި ބުނެފައިވާ އެ މައްސަލަ ތަހުގީގުކުރި ޑީޖޭއޭގެ މުވައްޒަފުންނަށް އޭނާބިރުދައްކައިގެން އެ މައްސަލަ ފުލުސް އިދާރާއަށް ހުށަހެޅި ކަމަށްވެސް ތުހުމަތުކޮށްފައިވީ ނަމަވެސް 2017 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފާއިތުވި 5 ވަރަކަށް އަހަރުގެ ތެރޭގައި، މިހާތަނަށް އެ ބަޔާނުގައި އިޝާރާތްކޮށްފައިވާ މައްސަލައާ ގުޅިގެން އޭނާފުލުހުން އެއްވެސް ސުވާލެއް ކޮށްފައިނުވާކަމަށެވެ. އަދި އެފަދަ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަންވެސް އެނގޭކަށް ނެތްކަމަށް އޭނާ ބުންޏެވެ. އަދި މިފަދަ ސީރިއަސް ތުހުމަތެއް ކުރެވޭ ފަރާތެއް ކޯޓެއްގެ ޝަރުޢީ ސެކްޝަނެއްގައި ޝަރީޢަތްތައް ހިންގުމުގެ ޒިންމާދާރު ވަޒީފާއެއްގައި ތުހުމަތު ކުރެވުނު ފަހުން 5 އަހަރެއްހާ ދުވަހު ހުރުމުން މިތުހުމަތަކީ އެއްވެސް އަސާސެއްނެތް ތުހުމަތެއްކަން ސަލާމަތް ބުއްދިން ވިސްނާލުމުން ސާބިތުވާކަމެއްކަމަށް ބަޔާނުގައިވެއެވެ. އަދި ޑީޖޭއޭއިން ކުރާ ތުހުމަތަކީ ހަގީގަތެއްނަމަ އޭނާއާމެދު އެކަމާއި ގުޅިގެން ފިޔަވަޅެއް އަޅާފައިނުވާތީ، އެކަމުގައި އިހުމާލުވި ޑީޖޭއޭގެ ވެރިންނަށް ފިޔަވަޅުވެސް އަޅަންޖެހޭނެކަމަށާއި، ޑީޖޭއޭއިން ކުރާ ތުހުމަތުތަކަކީ ހަގީގަތެއްކަން ޕަބްލިކަށް ސާބިތުކޮށްދިނުމަށް ޗެލެންޖްކޮށް ޑީޖޭއޭއަށް ގޮވާލާކަމަށް ބުނެފައިވެއެވެ.
އަޅުގަނޑު ވަޒީފާއިން ވަކިކުރި ސަބަބާއި ގުޅޭގޮތުން @judiciarymv އިން ބައެއް މީޑިއާތަކަށް ދީފައިވާ ބުހުތާނު ދޮގު މައުލޫމާތުތަކާއި ގުޅިގެން ނެރޭ ބަޔާން. pic.twitter.com/shAi6LPVYi
— Pokman (@PokmanMV) November 19, 2021
ޑީޖޭއޭގެ ސިއްރު ބަޔާނުގައި ދެން ކުރި ތުހުމަތަކީ ކޯޓުގެ ޑު ޑިސްކެއް އޭގައިވާ މުހިއްމު ލިޔުންތައް ފަސޭހަ ގޮތުގައި އަނބުރާ ނުލިބޭ ވަރަށް ގަސްތުގައި ހަލާކުކޮށްލި ކަމަށް ކުރާ ތުހުމަތެވެ. މިއީ އަޅުގަނޑަށް ތުހުމަތުކޮށް ތަހުގީގެއް ހިންގައި ސުވާލުކުރި މައްސަލައެއް ނޫނެވެ. ހަމައެހެންމެ އެ މައްސަލާގައި އަޅުގަނޑަށް ޖޭޑީއޭއިން ކުރި ތުހުމަތަކީ ޙަޤީޤަތެއް ނޫންކަން ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގެ އައިޓީ ކަންކަން ބަލަހައްޓާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އައިޓީ ސެކްޝަނުގެ ވެރިންނާއި ޓެކްނިކަލް މުވައްޒަފުންނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އެ ހާޑަށް ގަސްތުގައި ގެއްލުމެއް ދީފައިވާ ކަމުގެ ކުޑަވެސް ނިޝާނެއް އަސަރެއް ފެންނަން ނެތް ކަމަށް، މި ތުހުމަތު ޑީޖޭއޭއިން ކުރުމާއި ގުޅިގެން އަޅުގަނޑު އެބޭފުޅުންނާ ފޯނުކޮށް ސުވާލުކުރުމުން އެ ބޭފުޅުންވަނީ އަޅުގަނޑު ގާތުގައި ދަންނަވާފައެވެ. އަދި އެފަދަ ޝައްކެއް ކުރެވޭކަމަށް އެބޭފުޅުންނަށް ފާހަގަކުރެވިގެން އެފަދަ ވާހަކައެއް ޑީޖޭއޭގެ ވެރިންނަށް ދަންނަވާފައިނުވާނެ ކަމަށްވެސް ފާހަގަކުރިއެވެ.
– އަހުމަދު އިބްރާހީމް (ޕޯކްމޭން)ގެ ބަޔާނުގައިވެއެވެ.
އެބަޔާނުގައި ވަނީ ޑީޖޭއޭއިން އޭނާއާއި މެދު ކުރި ތުހުމަތުތައް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި، ދިރާސާކުރުމެއް ނެތި އަދި މިފަދަ ބޮޑު ސީރިއަސް ތުހުމަތުތަކެއް ކުރުމުން، އޭނަގެބަހެއް ހޯދުމެއް ނެތި ބައެއް މީޑިއާއިން ރިޕޯޓުކުރީތީ ހިތާމަކުރާކަމަށެވެ. މިފަދަ ބޮޑެތި ތުހުމަތުތަކެއް ޑީޖޭއޭއިން ކުރާއިރު، ތުހުމަތު ކުރި ދައުލަތުން ހުށަހެޅި މައްސަލައިގެ ފައިލް ގެއްލުވާލިކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވޭތޯއާއި އަދި އެކަން ތަހްގީގްކުރި ބޭފުޅުންނަށް ބިރުދެއްކި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭތޯ ބެލުމަކީ އެ ޚަބަރު ލިޔުނު ނޫސްވެރިންނާއި ޝާއިއުކުރި ނޫސްތަކުން އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި ދެކޭކަމަށްވެސް ބުނެފައިވެއެވެ.
ޖުޑީޝަރީގެ އިދާރީ ހިންގުން ޤާނޫނުން މަތިކޮށްފައިވާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް އޭނާފަދަ ފަދަ އާދައިގެ އާންމު ދިވެހި ރައްޔިތެއްގެ އަނބުރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމަކީ ޖުޑީޝަރީއަކީ ސިޔާސީ ނުފޫޒުން މިނިވަންވެފައި އޮތް މުސްތަޤިއްލު ބާރެއް ކަމާމެދު ރައްޔިތުން އިންތިހާއަށް ޝައްކުކުރާނެ ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.
10 އަހަރަށްވުރެ ގިނަ ދުވަހު ޖުޑީޝަރީގައި މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން ޖުޑީޝަރީއާމެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރު ގެއްލި، ޖުޑިޝަރީގެ ކަރާމާތާއި ޤަދަރަށް އުނިކަން އަންނާނެ ގޮތަށް ޑީޖޭއޭއިން ހިންގި މި އަމަލު ކުށްވެރިކުރަމެވެ.
– އަހުމަދު އިބްރާހީމް (ޕޯކްމޭން) ނެރުނު ބަޔާނުގައިވެއެވެ.