އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތު އަލުން އިސްލާހުކުރުމަށް ބޮޑުވަޒީރު މޯޑީގެ ސަރުކަރުން ފާސްކުރުމަށް މަސައްކަތް ކުރަމުންދިޔަ ގާނޫނުތަކާ ދެކޮޅަށް އިންޑިއާގެ ދަނޑުވެރިން މުޒާހިރާ ކުރަމުންދާތާ އެއް އަހަރު ދުވަސް ފާއިތުވެފައި ވަނިކޮށް، މި ގާނޫނުތައް އަބުރާ ގެންދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ނިންމަވައިފިއެވެ.
"ދަނޑުވެރިކަމާބެހޭ 3 ގާނޫނު އަބުރާ ގެންދިއުމަށް ނިންމާފައިވާ ވާހަކަ މިއަދު އަހަރެން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަދި މުޅި ގައުމަށްވެސް ދަންނަވަން،" ސިކުންގެ ދީނީ އިހުތިފާލްއަކާއި ދިމާކޮށް، ހުކުރު ދުވަހު ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން މޯޑީ ވިދާޅުވެފައި ވެއެވެ. މުޒާހިރާ ކުރަމުންދިޔަ ގިނަ ދަނޑުވެރިންނަކީ ސިކުންނެވެ.
"މަޖިލިސް ޖަލްސާތައް މިމަހު ފެށިގެން ދިއުމާއެކު، މިގާނޫނުތައް އަބުރާ ގެނައުމާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ ގާނޫނީ މަރުހަލާތައް ފުރިހަމަ ކުރެވިގެން ދާނެ."
އިންޑިއާގެ ދަނޑުވެރިން ދެކޮޅު ހަދަމުންދާ ގާނޫނުތައް އިންޑިއާގެ ގާނޫނުހަދާ މަޖިލިހަށް ހުށަހަޅާފައިވަނީ ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިގާނޫނުތަކުގެ ބޭނުމަކީ، ސަރުކާރުން ރެގިއުލޭޓް ކުރާ ހޯލްސޭލް މާރކެޓްތަކުގެ އިތުރުން އެހެނިހެން ފަރާތްތަކަށް ވެސް ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލުމެވެ. އަދި ނަތީޖާއެއްގެ ގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެންމެ ދަށްކޮށް ލިބޭ އާމްދަނީއެއް ކަނޑައެޅިގެން ދިއުމެވެ.
މި ބަދަލުތަކާ ގުޅޭގޮތުން، ކުދި އަދި މެދުފަންތީގެ ދަނޑުވެރިންގެ ޝަކުވާއަކަށް ވެގެން ދިޔައީ، ބޮޑެތި ވިޔަފާރިތަކާ ވާދަކުރުމުގެ ގާބިލްކަން ނެތިގެން ދިއުމު ނަތީޖާއެއްގެ ގޮތުން ގޮދަނާއި ހަޑޫ ހެއްދުމަށް ދަޑުވެރިންނަށް ލިބެމުންދިޔަ ފައިސާގެ އެހީތެރިކަން ގެއްލިގެން ދިއުމެވެ.
އެހެންނަމަވެސް މިހާތަނަށްވެސް އިންޑިއާގެ ސަރުކާރުން ބުނަމުން އައީ، އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އިގްތިސާދުގެ 15 އިންސައްތަ ހިއްސާކުރާ ދަނޑުވެރިކަމުގެ ސިނާއަތަށް މިގާނޫނުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސް ލިބޭ އާމްދަނީވެސް އިތުރުވެގެން ދާނެކަމުގައެވެ.
މޯޑީ ވިދާޅުވި ގޮތުގައި މި ގާނޫނުތަކުގެ ހަގީގީ ބޭނުމަކީ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ކުދި ވިޔަފާރިތައް ބާރުވެރި ކުރުވުން ކަމަށާއި، އެހެންނަމަވެސް މިގާނޫނުތަކުން ދަނޑުވެރިންނަށް ލިބިގެންދާނެ ފައިދާތައް ފުރިހަމަޔަށް ދަނޑުވެރިންނަށް އަންގާ ދިނުމަށް އޭނާގެ ސަރުކާރު ފެއިލް ވެގެން ގޮސްފައިވާ ކަމުގައެވެ.
What cannot be achieved by democratic protests can be achieved by the fear of impending elections!
PM’s announcement on the withdrawal of the three farm laws is not inspired by a change of policy or a change of heart. It is impelled by fear of elections!
— P. Chidambaram (@PChidambaram_IN) November 19, 2021
ދަނޑުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ގާނޫނުތައް އަބުރާ ގެންދިއުމަށް ނިންމަވާފައިވާކަން މޯޑީ އިއުލާން ކުރެއްވި ކުރެއްވުމަށް މަރުހަބާ ވިދާޅުވެ، ދަނޑުވެރިންގެ ހަރަކާތުގެ ލީޑަރު ދަރުޝާން ޕާލް ވިދާޅުވެފައިވަނީ، "މިއީ ދަނޑުވެރިންގެ ހަރަކާތައް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް،" ކަމުގައެވެ.
"އެއް އަހަރުދުވަހުގެ ގޮންޖެހުންތަކަށްފަހު، 700 މީހުން ޝަހީދުވެ ދިއުމަށްފަހު، އަދި ބީޖޭޕީ ސަރުކާރުގެ އެތައް ފުރައްސާރައަކަށްފަހު، ދަނޑުވެރިންނަށް މިވަނީ ކާމިޔާބު ލިބިފަ،" ދަނޑުވެރިންގެ ހަރަކާތުގެ ލީޑަރު ދަރުޝާން ޕާލް ވިދާޅުވެފައި ވެއެވެ.
އެއް އަހަރު ވަންދެން ކުރަމުންދިޔަ މި މުޒާހިރާތަކަކީ އާންމު ގޮތެއްގައި ސުލްހަވެރި މުޒާހިރާތަކަށް ވިނަމަވެސް، މުޒާހިރާ ކުރާ ފަރާތްތަކުންވަނީ ފާއިތުވި ޖެނުއަރީމަހު، ފުލުހުން ބެރިކޭޑްތައް ފަޅާލުމަށްފަހު އިންޑިއާގެ ތާޚީ ބިނާއެއް ކަމުގައިވާ، ދިއްލީގެ ތާޚީ ސަރަހައްދުގައި ހުންނަ ރެޑް ފޯޓު އިމާރާތުގެ ތެރެއަށް ވަދެގެންފައެވެ. މިހާދިސާގައި ފުލުހުންނާއި މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކާ ދެމެދު ހިގައިދިޔަ ހަމަ ނުޖެހުންތަކިގައި އެކަކު މަރުވެ އެތައްބަޔަކު ޒަޚަމް ވެފައިވެއެވެ.
އަދި ފާއިތުވެދިޔަ މަހު، އުއްތަރު ޕްރަދޭޝަގައި ކުރިޔަށް މުޒާހިރާގައި އިތުރު 8 މީހަކު މަރުވެފައި ވެއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ވަޒީރަކާއި އޭނާގެ ދަރިފުޅު ދަތުރުކުރަމުންދިޔަ އުޅަދުތައް ކަމަށްލެވޭ އުޅަދުތަކެއް މުޒާހިރާ ކުރަމުންޔަ މީހުންގެ ތެރެއަށް ވަދެގަތުމުގެ ސަބަބުން އުއްތަރު ޕްރަދޭޝްގެ ލަކްހިމްޕޫރުގައި 4 މީހަކު މަރުވެފައި ވެއެވެ.
އަދި މުޒާހިރާ ކުރާފަރާތްތަކުން ހިންހަމަ ނުޖެހުން ފާޅުކޮށް ކާރުތަކުގައި ރޯކުރުމުގެ ސަބަބުން އިތުރު 4 މީހަކު މަރުވެފައި ވެއެވެ.
ފަހަކަށް އައިސް މުޒާހިރާ ކުރާފަރާތްތައް މަދުވެފައިވި ނަމަވެސް، މުޒާހިރާގެ އިސްކޮށް ތިބި ގިނަބަޔަކު ވަނީ މުޒާހިރާތަކުގައި ދެމިތިބެފައެވެ. އަދި ދަނޑުވެރިން ދިޔައީ މިމަހުން ފަހުކޮޅު މި މުޒާޙިރާތަކަށް އެއްއަހަރު ފުރުން ފާހަގަ ކުރުުމަށް ތައްޔާރު ވަމުންނެވެ.
ގާނޫނުތައް އަބުރާ ގެންދުއިމަށް މޯޑީ ނިންމަވާފައިވި ނަމަވެސް، ދަނޑުވެރިން ބުނެފައިވަނީ، ގާނޫނުތައް އަބުރާ ގެންދަންދެން ހަރަކާތް ކުރިޔަށް ދާނޭ ކަމުގައެވެ.